ބޮލީވުޑް

"ފިތޫރު" ބަތަލާ ތުނީޝާގެ މަރުގެ މައްސަލައިގައި ޓީވީ އެކްޓަރެއް ހައްޔަރުކޮށްފި

ސަބް ޓީވީން ދައްކާ "އަލީ ބާބާ: ދާސްތާން-އޭ-ކާބުލް" ގައި ލީޑް ރޯލުކުޅޭ ބަތަލާ ތުނީޝާ ޝަރުމާ އެ ސީރީޒްގެ ސެޓުގައި މަރުވެއްޖެ އެވެ. އުމުރުން އެންމެ 20 އަހަރުގެ ތުނީޝާ މަރުވީ އޭނާގެ މޭކަޕްރޫމްގަ އެވެ. އަދި އޭނާ މަރުވީ އަމިއްލައަށް ކަމަށް ބެލެވުނު ނަމަވެސް އޭނާ މަރުވީ އަމިއްލައަށްތޯ ނުވަތަ މީހަކު އޭނާ މަރާލީތޯ ފުލުހުން ތަހުގީގުކުރަން ފަށާފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ. އަދި މި މައްސަލައިގައި އެ ސީރީޒްގައި އަލީ ބާބާގެ ރޯލު އަދާކުރާ މުހައްމަދު ޝީޒަން ޚާން މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ ތުނީޝާ މަރުވީ އޭނާ ކުރިކަމަކާ ގުޅިގެންތޯ ތަހުގީގު ކުރުމަށް ކަމަށް ވެއެވެ.

ތުނީޝާގެ މަރުގައި ޝީޒަންގެ އަތެއް ވާކަމަށް ތުނީޝާގެ މަންމަ ތުހުމަތުކުރެ އެވެ.

ޝީޒަން އާއި ތުނީޝާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. އަދި މަރުވުމުގެ ފަސް ގަޑިއެއްހާއިރުކުރިން ވެސް ތުނީޝާ ވަނީ އެ ސީރީޒްގެ ސެޓުގައި ނަގާފައިވާ ވީޑީއޯއެއް އިންސްޓަގްރާމްގައި ޝެއާ ކޮށްފަ އެވެ.

އަދި ޝީޒަންގެ އިތުރުން އެ ސީރީޒްގައި ތުނީޝާ އާއެކު މަސައްކަތްކުރި ހުރިހާ އެކްޓަރުންނާއި ޕްރޮޑަކްޝަން މެމްބަރުންނާ ސުވާލުކޮށް އެމީހުންގެ އެއްވެސް ވަރެއްގެ ޝާމިލުވުމެއް މިކަމުގައި އޮތްތޯ ފުލުހުން ބަލާނެ ކަމަށް ވަނީ ބުނެފަ އެވެ.

އިންޑީޔާ ފުލުހުން މިހާރު މި މައްސަލަ ތަހުގީގުކުރަން ވަނީ ފަށާފައިވާއިރު ތުނީޝާ އާއެކު ސީރީޒްގެ ސެޓުގައި މަސައްކަތް ކުރަމުންދިޔަ ބައެއް މީހުން ބުނި ގޮތުގައި ޝޫޓިންގްގައި އުޅެފައި ކުޑަ ބްރޭކެއް ބޭނުންކަމަށް ބުނެ ތުނީޝާ މޭކްއަޕް ރޫމްގެ ފާހާނާއަށް ވަދެފައި ނުނިކުމެގެން ބެލިއިރު އޮތީ މަރުވެފައި ކަމަށެވެ.

ތުނީޝާ އެކްޓިން ކެރިއަރު ފެށީ ޗައިލްޑް އެކްޓަރެއްގެ ގޮތުގައެވެ. އެގޮތުން ސޮނީ ޓީވީގެ "މަހާރާނާ ޕްރަތާޕް"ގައި އޭނާ ޗާންދް ކަންވަރުގެ ރޯލު އަދާކުރިއެވެ. އަދި ކަލާޒް ޓީވީގެ "ޗަކްރަވަތިން އަޝޯކް ސަމްރާޓް"ގައި ޕްރިންސަސް އަހިންކާރާގެ ރޯލު ކުޅެފައިވަނީ ވެސް ތުނީޝާ އެވެ.

ތުނީޝާ އަކީ ކުޅަދާނަ ރީތި ބަތަލާއެއްކަން ބެލުންތެރިންނަށް ފާހަގަ ކުރެވުނީ 2016ގައި ފިލްމު "ފިތޫރު"ގައި އޭނާ އަދާކުރި ރޯލުންނެވެ. އަދިތުޔާ ރޯއި ކަޕޫރާއި ކެޓުރީނާ ކައިފް ލީޑް ރޯލު ކުޅެފައިވާ މި ފިލްމުގައި ތުނީޝާ އަދާކުރީ ކެޓުރީނާގެ ކުޑައިރުގެ ރޯލެވެ. އަދި ކެޓުރީނާގެ "ބާރު ބާރު ދޭކޯ"ގައި ވެސް ތުނީޝާ ބައިވެރިވި އެވެ. ވިދްޔާ ބާލަންގެ "ކަހާނީ 2"ގައި މިނީގެ ރޯލު އަދާކޮށްފައިވަނީ ވެސް ތުނީޝާ އެވެ. އަދި ސަލްމާން ޚާންގެ "ދަބަންގް 3"ގައި ވެސް ތުނީޝާ ބައިވެރިވި އެވެ.