މަންމައަކާއި އޭނާ ވިހާ ދަރިންގެ ޑީއެންއޭ ދިމާނުވުމަކީ ވަރަށް އަޖައިބު ކުރުވަނިވި ހާލަތެއް ނަމަވެސް ދުނިޔޭގައި ވަރަށް މަދުން ނަމަވެސް މިކަހަލަ ހާދިސާތައް ފެނިފައި އެބަހުއްޓެވެ. މިއީ އެއްވެސް ވަރަކަށް ޝައްކުކުރާނެ ޖާގައެއް އޮތް ކަމަކަށް ނުވާތީ ވަރަށް ގިނަ މީހުން މި ޓެސްޓް ހަދައެއް ނޫޅެ އެވެ. ގިނަ ފަހަރަށް ޑީއެންއޭ ޓެސްޓް ހަދަނީ ފިރިހެން މީހާގެ ދަރިން ކަށަވަރު ކުރާށެވެ.
އިނގިރޭސިވިލާތުގެ އަންހެނަކަށް ދާދިފަހުން މިފަދަ ކަމެއް މެދުވެރިވެފައި ވެއެވެ. އޭނާގެ ޑީއެންއޭ އޭނާގެ އެއްވެސް ކުއްޖަކާ ސީދާ މެޗު ނުވެގެންނެވެ. މިއީ ޑޮކްޓަރުން ވެސް ހައިރާންވެ އަންތަރީސްވާން ދިމާވި ކަމެކެވެ.
އުމުރުން 26 އަހަރުގެ ލީޑިއާ ފެއާޗައިލްޑް އަކީ އެމެރިކާގެ ވޮޝިންޓަން ސްޓޭޓްގައި ދިރިއުޅޭ އެކަނިވެރި މައެކެވެ. އެހެންވެ އޭނާއާއި އޭނާގެ ދަރިންނަށް މާލީ އެހީތެރިކަމަށް އެދި އޭނާ ސަރުކާރަށް ހުށަހެޅި އެވެ. މިކަމަށްޓަކައި ލީޑިއާ އަށް އޭނާ ގެންގުޅޭ ކުދިންނަކީ އޭނާގެ އަމިއްލަ ދަރިންކަން ސާބިތުކޮށްދޭން ޖެހެ އެވެ.
ނަމަވެސް މިއީ ލީޑިއާ އެއްވެސް ވަރަކަށް ބިރުގަނެ ޖެހިލުންވީ ކަމެއް ނޫނެވެ. ސަބަބަކީ ހުރިހާ ކުދިންނަށް ވެސް ބަލިވެ އިނދެ ވިހެއީ އޭނާކަން އޭނާއަށް ޔަގީންވާތީ އެވެ. އެހެންވެ ވަރަށް ފަސޭހައިން މި މަރުހަލާ ކަޑައްތު ކުރެވި އެ ކުދިންނަކީ އޭނާގެ ދަރިންކަން ސާބިތު ކުރެވޭނެ ކަމާ މެދު ލީޑިއާ ޝައްކެއް ނުކުރެ އެވެ. އެކަމަކު ޑީއެންއޭ ޓެސްޓް ހެދުމަށްފަހު ސޯޝަލް ސާވިސް އޮފިޝަލުން އައިސް އޭނާއާ ތަފާތު ސުވާލުތައް ކުރަން ފެށުމުން ލީޑީއާ އަށް ލިބުނީ ހައިރާންކަމެވެ. އޭނާގެ ދަރިންގެ ހަގީގީ އައިޑެންޓިޓީ ހޯދަން އެމީހުން ސުވާލުތައް ކުރާތީ އެވެ.
އެކުދިންނަކީ ލީޑީއާގެ ދަރިންކަމަށް ބުނެ ލީޑިއާ ކިތަންމެ ވާހަކައެއް ދެއްކިޔަސް ސޯޝަލް ސާވިސް މުވައްޒަފުން އެވާހަކަ ގަބޫލެއް ނުކުރި އެވެ. އޭނާގެ ދަރިންނާއި އޭނާގެ ޑީއެންއޭ ރިޕޯޓް މެޗު ނުވާތީ އެވެ. އަދި މި ކުދިންނާއި ލީޑިއާ އާ ލޭގެ ގުޅުމެއް ނެތްކަމަށް މި ރިޕޯޓުން ދައްކާފައި ވެއެވެ.
މި މައްސަލަ މިގޮތަށް ދިމާވުމުން ލީޑިއާ އަށް އޭނާގެ ދަރިން ގެއްލިދާނެކަމުގެ ބިރު ވެސް އުފެދުނެވެ. ލީޑީއާ އަތުން ކުދިން އަތުލައި ސަރުކާރުން ކުދިންނާ ހަވާލުވުމުގެ ފުރުސަތު ބޮޑުކަމަށް ސޯޝަލް ވޯކަރުން އޭނާ ކައިރީ ބުންޏެވެ. މިކަމާ ލީޑިއާ ވަރަށް ބިރުގަތެވެ.
ލީޑިއާގެ ހުރިހާ ދަރިން ވެސް ވިއްސީ ޑރ. ޑްރެސްބަޗް ކިޔާ އަންހެނުންގެ ޚާއްސަ ޑޮކްޓަރެކެވެ. ކޯޓުގައި އޭނާއާ އެއްކޮޅަށް ބަޔާން ދިނުމުގައި އެ ޑޮކްޓަރުގެ އެހީތެރިކަމަށް ލީޑިއާ އެދުނެވެ. އަދި ޑޮކްޓަރު އެކަމާ އެއްބަސްވި އެވެ. ނަމަވެސް މި މައްސަލައިގެ ގޮތުން ލީޑިއާ އަށް ނާކާމިޔާބުވާނެކަން ޔަގީންވާތީ އޭނާގެ މައްސަލައިގައި ކޯޓުގައި ވަކާލާތު ކޮށްދޭކަށް އެއްވެސް ގާނޫނީ ވަކީލަކު އެއްބަހެއް ނުވި އެވެ.
އެންމެފަހުން ހަދާނެ ގޮތެއް ނޭނގިގެން ދެވަނަ ފަހަރަށް ވެސް ލީޑީއާ އާއި އޭނާގެ ދަރިންގެ ޑީއެންއޭ ޓެސްޓް ކުރި އެވެ. ނަތީޖާ ދެއްކީ ހަމަ ކުރިން ވެސް ދެއްކި ގޮތަށެވެ. އެކުދިންގެ ޑީއެންއޭ، ލީޑިއާގެ ޑީއެންއޭ އާ މެޗެއް ނުވެ އެވެ.
މިކަމުން ލީޑިއާ އަށް ސަލާމަތް ވެވި އެ ކުދިންނަކީ އޭނާގެ ކުދިން ކަން ސާބިތުކޮށްދެވުނީ މުޅިން އެހެން ރަށެއްގެ އެހެން އަންހެނަކަށް ދިމާވި މިފަދަ ހާދިސާ އަކާ ގުޅިގެންނެވެ.
ކަރެން ކީގަން އަކީ ބޮސްޓަންގައި ދިރިއުޅޭ މީހެކެވެ. އޭނާގެ ދެ ކިޑްނީ ފެއިލްވެގެން ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ދަރިންގެ ކިޑްނީ މެޗުވޭތޯ ޓެސްޓްކުރިއިރު އެއްވެސް ދަރިއެއްގެ ޑީއެންއޭ ކަރެން އާ ދިމާލެއް ނުވި އެވެ. ލީޑީއާ ފަދައިން ކަރެން އަށް ވެސް މި އަޖައިބު ކުރުވަނިވި މައްސަލައާ ކުރިމަތިވީ އެވެ.
އޭނާ ވިހާފައި ތިބި ދަރިންގެ ޑީއެންއޭ އޭނާއާ ދިމާނުވާ ކަމަށް ކަރެން ކައިރީ ޑޮކްޓަރުން ބުނުމުން އޭނާއަށް ވެސް ލިބުނީ ބޮޑު ޝޮކެކެވެ. ކަރެންގެ ކިޑްނީ ޓްރާންސްޕްލާންޓް ކޮށް މުޅީން ފަސޭހަވެ އޭނާގެ ދިރިއުޅުން އާއްމު ހާލަތަކަށް ބަދަލުވި އެވެ. ނަމަވެސް ކަރެންގެ ޑީއެންއޭ ދިމާނުވި ސަބަބު ބަލަން ޑޮކްޓަރުން ބޭނުންވި އެވެ. އަދި އޭނާގެ ހަށިގަނޑުގެ އެތަން މިތަނުން ޑީއެންއޭ ނަގައިގެން ޓެސްޓްކުރަން ފެށި އެވެ. މިހެން ޓެސްޓް ކުރަނިކޮށް ކަރެންގެ ތައިރޮއިޑް ނޮޑިއުލް އިން ނެގި ޑީއެންއޭ ސާމްޕަލް އޭނާގެ ދަރިންނާ މެޗު ވެއްޖެ އެވެ.
އެމެރިކާގެ މުޅިން އެހެން ސްޓޭޓެއްގައި ކުރި މި ޓެސްޓުގެ ނަތީޖާއިން ލީޑިއާ އަށް ފައިދާ ކުރި އެވެ. އަމިއްލަ ދަރިންކޮޅު ގެއްލިދާނެކަމުގެ ބިރު ހީވެ އެކަމާ ފިކުރު ބޮޑުވެ ހަދާނެގޮތް ހުސްވެފައި ހުރި ލީޑިއާ އަށް ކަރެންގެ ޑީއެންއޭ މެޗުވި ޚަބަރު ލިބުމާއެކު އޭނާ ވެސް މިގޮތަށް ޓެސްޓްކުރަން ބޭނުންވި އެވެ. އަދި ލީޑީއާގެ ހަށިގަނޑުގެ ކޮންމެވެސް ތަނަކުން ނެގި ޑީއެންއޭ އޭނާގެ ދަރިންނާ ދިމާވެ އޭނާއަށް ވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
ކަރެން އާއި ލީޑިއާ އަށް ދިމާވި މި މެޑިކަލް ފެނޯމިނަން އަށް ކިޔަނީ "ކިމެރިޒަމް" އެވެ. މިއީ މަދުން ނަމަވެސް ބައެއް އަންހެނުންނަށް ދިމާވާ ސިއްހީ ހާލަތެކެވެ. ދެ ބިސް ފާޓިލައިޒްވެ އެއް ބިސް އަނެއް ބިހުގެ ތެރެއަށް އެބްޒޯބް (ވިރިގެން) ދަނީ އެވެ. ނަތީޖާއެއްގެ ގޮތުން ދެ ބިހުގެ ފިއުޝަން ގުޅުމުން ދެ ޖެނެޓިކް ކޯޑެއް އުފެދެނީ އެވެ.
ކަރެން އާއި ލީޑިއާ އަށް ދިމާވީ ކިމެރިޒަމްގެ ހާލަތެއްކަން އެނގި މި އަޖައިބެއް ކަހަލަ މައްސަލަ ހައްލުވުމުން އެމީހުން ވަނީ ވަރަށް އުފާވެފަ އެވެ. އަދި އެމީހުން ފަދައިން މި ފަދަ މައްސަލައެއް ކުރިމަތިވާ ހަމަ ކޮންމެ އަންހެނަކަށް ވެސް އިތުރަށް ޑީއެންއޭ ހަދައިގެން މައްސަލަ ހައްލުކުރުމުގެ އުއްމީދު ވަނީ އިތުރުވެފަ އެވެ.