ޕީޕީއެމް

ޔާމީން ކޯޓަށް، އިދިކޮޅުން މަގުމަތީގައި

އިދިކޮޅު ކޯލިޝަން - ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން ކްރިމިނަލް ކޯޓް ސަރަހައްދުގައި މުޒާހަރާކުރަން ފަށައިފި އެވެ.

އިދިކޮޅުން މުޒާހަރާއަށް ނިކުމެފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދެ ދައުވާއަކާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ހުކުމްކުރަން މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ. ޝަރީއަތުގެ މަޖިލިސް މިހާރު ދަނީ ހިނގަމުންނެވެ.

މުޒާހަރާކުރަމުންދާ މީހުން ބުނާ ގޮތުގައި ރައީސް ޔާމީނަކީ ކުށްވެރިއެއް ނޫނެވެ. އެހެންވެ އެމީހުން ގޮވަމުންދަނީ އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށެވެ.

ގައުމީ ދިދަ ހިފައިގެން ކްރިމިނަލް ކޯޓު ކައިރީގައި މުޒާހަރާ ކުރަމުން ދިޔަ ނަމަވެސް އަދި މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ.

މުޒާހަރާ ކުރާ މީހުންނާ އެކު އެ ސަރަހައްދުގައި ހުންނެވި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަސައްކަތް ކުރަނީ ތަފާތު ތުހުމަތުތައް ކޮށްގެން ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށް ކަމަށެވެ.

"އެކަމަކު އަޅުގަނޑު ހަމަ ދަންނަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ނޮވެމްބަރު 17، 2023 ގައި ހުވާކުރައްވާނީ ރައީސް ޔާމީންއޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް ކިތަންމެ ވަރަކަށް ބިރު ދައްކާ، ޖަލަށްލީ ނަމަވެސް އިދިކޮޅު ހަރަކާތްތައް ހުއްޓާނުލާނެ ކަމަށެވެ.

ވ. އާރަށު މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ.

މިމައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާފައިވަނީ ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. ޔޫސުފް ނައީމަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

ހުލާސާ ބަޔާނުގައި ދައުލަތުން ވަނީ ދައުވާގެ ސީޣާގައި ދައުލަތުން އެދިފައިވާ ގޮތަށް ޔާމީން ލޯންޑާ ކުރި ކަމަށް ތުހުމަތުކުރާ އެއް މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއަށް އެއްކޮށްފައިވާ 2،413،230 އެމެރިކާ ޑޮލަރާ އެކު ޖުމްލަ 3،413،230 އެމެރިކާ ޑޮލަރު އިންވެސްޓްކޮށްގެން އަބްދުﷲ ޔާމީން ލިބިފައިވާތީ އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ.