ޕީޕީއެމް

އަވަސް އަރުވާލައިގެން ޔާމީނަށް ހުކުމް ކުރަން އުޅެނީ ސިޔާސީ ނުފޫޒުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ހުުކުމް ކުރަނީ އަވަސް އަރުވާލައިގެން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ނޫސް ބާޔާނެއްގައި ބުނެފައިވަނީ އެ ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓްގެ ރިޔާސީ ހައްގުތަކަށް އަރައިގަނެ، ޖުޑިޝަރީއަށް ސިޔާސީ ނުފޫޒު ބޭނުން ކޮއްގެން ހުކުމް ކުރަން ބައެއް ފަރާތްތަކުން މަސައްކަތް ކުރާކަމަށެވެ.

އަދި ކުރީގެ ރައީސް ޔާމީނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ދޮރުތައް ބަންދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، ސިޔާސީ ގޮތުން މައްސަލަތަށް އުފަންކޮށްގެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެންމެ ފުރަތަމަ ރައީސް ޔާމީނަށް ކުރި ހުކުމަކީ ހައްގު ނޫން ހުކުމެއްކަމަށާއި، އިސްތިއުނާފް މަރުހަލައިގާ ކަން ހިނގާދިޔަ ގޮތުން އެކަން އިނގިގެންދާކަމަށެވެ.

އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ހުންނެވީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަން މާފުށީ ޖަލުގަ އެވެ. މަތީ މަރުހަލާގެ ކޯޓަކުން އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އިއްވާފައިވާ ހުކުމް ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ. އެމަނިކުފާނުގެ ވަކީލުން އަންނީ އެ ހުކުމް އިސްތިއުނާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.