މާފުށި ޖަލުގައި ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަންގެ އިސްވެރިން މާފުށި ޖަލުގައި ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމަށް ފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ޔާމީނު އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެ ކަމަށާއި އަޅުވެތިކަމަށް ބޯ ނުލައްބަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީނުގެ މައުސޫމުކަން އެމަނިކުފާނު ސާބިތުކޮށް ދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރައީސް ޔާމީން ހުންނެވީ "ފިސާރި ގަދަކޮށް" ކަމަށާއި ރައްޔިތުން ވެސް މާޔޫސްނުވެ ގަދަކޮށް ތިއްބެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި ކަމަށެވެ.
ރައީސް ޔާމީނު 11 އަހަރަށް ޖަލަށް ލުމަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އިދިކޮޅުން ވަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަން ފަށާފައެވެ. އިދިކޮޅު ފަރާތްތަކުން ދަނީ ޑިސެމްބަރު 25 ވަނަ ދުވަހުގެ ރެ އިން ފެށިގެން ކޮންމެ ރެޔަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ.
މުޒާހަރާތަކުގައި ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާ އަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ވަނީ ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިހާރު އިއްވާފައިވާ ޖަލު ހުކުމް މަތީ މަރުހަލާގެ ކޯޓަކުން ބާތިލް ނުކުރަނީސް ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
ރައީސް ޔާމީނުގެ ގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ ތަފްސީލް ރިޕޯޓް މިދިޔަ އާދީއްތަ ދުވަހު ދޫކޮށްފައިވާއިރު، އެމަނިކުފާނުގެ ވަކީލުން އަންނަނީ ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.