ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ ތަފްސީލް ރިޕޯޓް އަދިވެސް ނުލިބޭތީ އެ ރިޕޯޓް ހޯދަން އިދިކޮޅު ކޯލިޝަންގެ ލީޑަރުން މިއަދު ކޯޓަށް ހިނގައްޖެ އެވެ.
ކްރިމިނަލް ކޯޓު ކުރިމަތީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމުގައި މިވަގުތު އެންމެ އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މިފަދަ އަމަލުތަކަކީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ގޮތް ހެދުމަށް ސަރުކާރުން ގަސްތުގައި ކުރާ ކަންކަން ކަމަށެވެ.
"މިއީ އެ ބޭފުޅުން ކޯޓަށް ނުފޫޒު ފޯރުވައިގެން ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނެ ގޮތް ހެދުމަށް ހިންގާ އަމަލުތަކެއް،" އަދުރޭ ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީނުގެ ޝަރީއަތުގެ ހުލާސާ ރިޕޯޓު ވެސް ލިބުނީ ގާނޫނުގައި އެ ރިޕޯޓު ދޭން ކަނޑައަޅާފައިވާ މުއްދަތު ފަހަނަ އެޅިފަހުން ކަމަށްވެސް ވިދާޅުވި އެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ޝަރީއަތުގެ ތަފްސީލު ރިޕޯޓު ލިބެންދެން ކޮންމެ ދުވަހަކު ވެސް ކޯޓަށް އައުމަށް އެ ކޯލިޝަނުން ތައްޔާރަށް ތިބި ކަމަށެވެ.
ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމުގައި ކަނޑައަޅާ ރައީސް ޔާމީނަށް ކެމްޕޭން ކުރަން އިދިކޮޅުން ފަށާފައިވާއިރު ރައީސް ޔާމީނު މިވަގުތު ހުންނެވީ އެމަނިކުފާނުގެ މައްޗަށް މިދިޔަ މަހުގެ 25ގައި އިއްވި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަން މާފުށީ ޖަލުގައި ބަންދުގަ އެވެ.
އެ ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ފަށާފައިވާއިރު ދަށު ކޯޓުގެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް 60 ދުވަހުގެ މުހުލަތެއް ލިބެ އެވެ.
ރައީސް ޔާމީންގެ މަައްޗަށް ކޮށްފައިވަނީ "ހަރާމް" ހުކުމެއްކަމުގައި ބުނެ ޕީޕީއެމް-ޕީއެންސީގެ މެމްބަރުން ދަނީ މާލޭގެ މަގުތަކުގައާއި އެކި ސަރަހައްދުތަކުގައި އެއްވެ މުޒާހަރާކުރަމުންނެވެ.
އޭގެ އިތުރުން ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ފެށުމަށް މިމަހުގެ 19 އަދި 20 ވަނަ ދުވަހު "އުންމީދާއެކު"ގެ ނަމުގައި ކޮންފަރެންސް އެއް ބާއްވަން އިދިކޮޅު ކޯލިޝަނުން ވަނީ ނިންމާފަ އެވެ.