އައްޑޫ ސިޓީ

ބިން ހިއްކަން ބޭނުންވާ ސާމާނު އައްޑޫއަށް

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިން ކުންފުނިން އައްޑޫއަށް ގެނެސްފި އެވެ.

އެޗްސީ މެލިނާ ކިޔާ ބޯޓެއްގައި ސާމާނު އައްޑޫއަށް ގެނައީ އިއްޔެގެ ވަގުތެއްގަ އެވެ. ވެން އޫޑް ކުންފުނިން އައްޑޫގެ ބިން ހިއްކުމަށް ބޭނުންވާ މެޝިނުތަކާއި ވަސީލަތްތައް ގެނެސްފައިވާ ކަމަށް ހިތަދޫ ޕޯޓް ލިމިޓެޑުން ވެސް ބުނެ އެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިން ކުންފުންޏާއި ހަވާލުކުރީ މިއަހަރުގެ މާޗު 27 ވަނަ ދުވަހު އެވެ.

މި މަޝްރޫއުގެ ދަށުން ހިތަދު އާއި މަރަދޫ އަދި މަރަދޫ ފޭދޫން ބިން ހިއްކާނެ އެވެ. މަޝްރޫއު ނިންމަން ވެން އޫޑްއަށް ދީފައިވަނީ 18 މަސް ދުވަހުގެ މުއްދަތެކެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ. މިމަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.

އައްޑޫ ބިން ހިއްކުމަށް ރޭވިފައިވާ ގޮތް:

  • ހިތަދޫން 90 ހެކްޓަރުގެ ބިން
  • ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުން
  • ހުޅުމީދޫ ކައިރީގައި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
  • މަރަދޫ / މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުން
  • ޓޫރިޒަމަށް ހާއްސަކޮށްގެން 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިންޑިއާގެ އެގްޒިން ބޭންކުން ހަމަޖައްސާފައިވާ 800 މިލައިން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ތެރެއިންނެވެ.