ޗެލްސީ

ފެބްރިގާސް އަކީ ހަރުފައެއް ކަމަށް ބުނުމުން ޗެލްސީން ފިޔަވަޅު އަޅައިފި

މިޑްފީލްޑަރު ސެސް ފެބްރިގާސް އަކީ ހަރުފައެއް ކަމަށް ބުނުމުން ޗެލްސީން އެކުލަބުގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.

ސްޕޭނަށް ޔޫރޯ އާއި ވޯލްޑް ކަޕް ކާމިޔާބުކޮށްދީފައިވާ ފެބްރިގާސްއާ ދިމާލަށް މިހެން ބުނީ ޗެލްސީގެ މަސައްކަތު މީހެކެވެ.

"ކަލޭތީ ހަރުފައެއް. ކަލޭތީ އާސެނަލްގެ މީހެއް. ކަލެއަށް ކިހިނެތްވެފައިތަ ތި ހުންނަނީ،" ލީގުވެފައިވާ އަށް ސިކުންތުގެ ވީޑިއޯގައި އެމީހާ ފެބްރިގާސްއާ ދިމާލަށް ބުނެފައިވެ އެވެ.

ފެބްރިގާސް އަކީ ހުސްވި ސީޒަނުގައި ޗެލްސީ އަށް ޕްރެމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދިން ކުޅުންތެރިއެކެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުން މި ސީޒަނުގައި ނުދެއްކޭތީވެ އޭނާ އަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

އުމުރުން 16 އަހަރުން ފެށިގެން އާސެނަލް އަށް ކުޅެ އެކުލަބުގެ ކެޕްޓަންކަން ވެސް ކުރި ފެބްރިގާސް ޗެލްސީއާ ގުޅުނީ އޭނާގެ އެންމެ ފުރަތަމަ ބާސެލޯނާ އަށް ބަދަލުވެ، އެކުލަބުގައި ކުޅެން ލިބޭ ފުރުސަތުތައް މަދުވުމުން މިދިޔަ ސީޒަނުގަ އެވެ.

ފެބްރިގާސްއާ ދިމާކޮށްލުމުން ޗެލްސީން އެކުލަބުގެ މުވައްޒަފަކަށް ފިޔަވަޅު މިއެޅީ ޕްރެމިއާ ލީގުގައި މި ދެ ޓީމު މާދަމާ ބައްދަލުކުރަން ހަމަޖެހިފައިވަނިކޮށެވެ. އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީއާ ދެކޮޅަށް ނުކުންނައިރު އާސެނަލް އޮތީ ޓޭބަލުގެ އެއްވަނާގަ އެވެ. އެޓީމަށް 44 ޕޮއިންޓް ލިބިފައިވާއިރު ޗެލްސީ އޮތީ 25 ޕޮއިންޓާއެކު 14 ވަނާގަ އެވެ.