ވިލިމާލޭގައި ވޯޓާ ސްޕޯޓްސްގެ ހަރަކާތްތައް ކުރިއަށް ގެންދާ ސަރަހައްދު ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.
ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލުގެ ސްޓްރަޓެޖިކް އެކްޝަން ޕްލޭންގައި ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން ވިލިމާލޭގައި ވޯޓާ ސްޕޯޓްސް އޭރިއާ ތަރައްގީ ކުރުމާގުޅޭ ގޮތުން އެކުލަވާލާފައިވާ ޕްލޭނާއި އެއްގޮތަށް އެ ސަރަހައްދު ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.
މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ޖެނުއަރީ ފަސް ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ދީފަ އެވެ.
ތަރައްގީ ކުރަން ހުޅުވާލާފައިވަނީ އެ ސަރަހައްދުގެ ފަޅާއެކު 120،000 އަކަ ފޫޓުގެ ސަރަހައްދެކެވެ. އަދި މި މަޝްރޫއުގެ ދަށުން އާންމުންނަށް މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ވަސީލަތްތައް ލިބޭނެ އިންތިޒާމު ގާއިމްކުރަން ޖެހެ އެވެ.
މި ސަރަހައްދު ތަރައްގީ ކުރުމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދިވެހި ކުންފުނިތަކުން 10،000ރ. އަދި ބޭރުގެ ފަރާތްތަކުން 2،000 ޑޮލަރު ހުށަހަޅަންޖެހެ އެވެ.
ވިލިމާލެ ވޯޓާ ސްޕޯޓްސް ބީޗް ސަރަހައްދަކީ މާލެއިން ވެސް ގިނަ ބަޔަކު ޒިޔާރަތްކުރާ ސަރަހައްދެކެވެ. މި ސަރަހައްދު ތަރައްގީކޮށް ހިންގަން ބަޔަކާއި ހަވާލުކޮށްފިނަމަ ދަތިތައް ކުރިމަތިވުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެވެ.