ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާއިން އާ ރައީސަކު ހޮވާނީ އަށް އަހަރަށް ސަސްޕެންޑްކޮށްފައިވާ އެ ޖަމާއަތުގެ ރައީސް މިޝޭލް ޕްލެޓިނީގެ އިސްތިއުނާފު މައްސަލަ އޭނާ އަށް ކާމިޔާބު ނުވެއްޖެނަމަ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
މިއަދު ބޭއްވި ހިންގާ ކޮމިޓީގެ ބައްދަލުވުމަށް ފަހު ޔޫއޭފާއިން ނެރުނު ބަޔާނުގައިވަނީ ޕްލެޓިނީ އިސްތިއުނާފުކޮށްފައިވާ މައްސަލަ ނުނިމެނީސް އިންތިހާބު ނުބާއްވާނެ ކަމަށާއި އެ ޖަމާއަތުން އާ ރައީސަކު ހޮވަން އިއުލާނުކުރާނީ ވެސް ޕްލެޓިނީ އަށް މައްސަލަ ނާކާމިޔާބުވެއްޖެނަމަ ކަމަށެވެ.
ފްރާންސްގެ ކުރީގެ ކެޕްޓަން އަދި ކޯޗު ޕްލެޓިނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ފީފާގެ އެތިކްސް ކޮމިޓީން ނިންމީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެއީ ފީފާގެ ރައީސް ސެޕް ބްލެޓާ ސޮއިކޮށް 2011 ވަނަ އަހަރު އޭނާ އަށް ދީފައިވާ 1.5 މިލިއަން ޕައުންޑަކީ ހިޔާނާތެއް ކަމަށް ނިންމައިފަ އެވެ. މި މައްސަލާގައި ބްލެޓާ ވެސް އަށް އަހަރަށް ސަސްޕެންޑްކޮށްފައިވާއިރު މި ދެ ބޭފުޅުން ވެސް ބުނަނީ މިކަމުގައި އެއްވެސް އޮޅުވާލުމެއް ނެތް ކަމަށެވެ. އަދި މި ފައިސާ އަކީ 2001 ވަނަ އަހަރު ބްލެޓާގެ މުޝީރަކަށް ޕްލެޓިނީ މަސައްކަތްކުރިއިރު އަނގަ ބަހުން ދޭން އެއްބަސްވެފައިވާ އުޖޫރަ ކަމަށެވެ.
ބްލެޓާ މި މައްސަލާގައި ވިދާޅުވީ އަނގަބަހުން ކަންކަން ނިންމުމުގެ ހުއްދަ ފީފާގެ ހިންގާ ގަވާއިދުގައި ލިބިދީފައިވާ ކަމަށާއި މިއީ މައްސަލައެއްނޫން ކަމަށެވެ.