ރައީސް އަބްދުﷲ ޔާމީން

ޔާމީނާއި ޔޫސުފް ނައީމު މާފުށި ޖަލަށް ގެންގޮސްފި

Dec 25, 2022
2

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިއަދު އިއްވި ހުކުމް ތަންފީޒު ކުރުމަށްޓަކައި ޖަލަށް ގެންގޮސްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މިރޭގެ ވަގުތެއްގައި ރައީސް ޔާމީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސް، މާފުށި ޖަލުގައި ބަންދުކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީނާ އެކު ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ވެސް މިރޭގެ ވަގުތެއްގައި މާފުށި ޖަލުގައި ބަންދުކޮށްފައިވާ ކަމަށް ބުންޏެވެ.

ރައީސް ޔާމީނާއި ޔޫސުފް ނައީމު ޖަލުގައި ބަންދުކޮށްފައި މިވަނީ ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ދުވަސްވަރު ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ގާނޫނާ ހިލާފަށް ހިންގި އަމަލުތަކާ ގުޅިގެން ދައުލަތުން އުފުލި ދައުވާތައް ސާބިތުވުމާ ގުޅިގެންނެވެ.

ދައުލަތުން ޔޫސުފް ނައީމުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލީ ވ. އާރަށް ކުއްޔަށް ނެގުމަށްޓަކައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ރިޝްވަތު ދެއްވުމާ ގުޅިގެންނެވެ. މިކުށުގެ އަދަބެއްގެ ގޮތުން އޭނާ ތިން އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ގާޒީ ހުކުމް ކުރީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ހަތް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެެވެ. މި ދެ ހުކުމާ އެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް ޔާމީން ތަންފީޒު ކުރަން ޖެހިވަޑައިގަންނަވާނެ އެެވެ.