ލައިފްސްޓައިލް

މަންމަ އާއި ބައްޕަ އަދި ދަރިފުޅުގެ އުފަންވީ އެއް ދުވަހެއްގައި

އެމެރިކާގެ ހަންޓްސްވީލްގެ އަލަބާމާގައި ދިރިއުޅޭ ދެމަފިރިންނަށް އެމީހުންގެ އަމިއްލަ އުފަން ދުވަހު ދަރިއަކު ލިބިއްޖެ އެވެ.

މި ކުއްޖާގެ މަންމަ އާއި ބައްޕަ ވެސް އުފަން ވެފައިވަނީ އެއް ތާރީޚެއްގަ އެވެ. އެ ދެ މީހުންގެ ދަރިފުޅު ވެސް އުފަންވީ ހަމަ އެ ތާރީޚުގަ އެވެ.

ކުއްޖާ އާއި އެ ކުއްޖާގެ މަންމަ އަދި ބައްޕަގެ އުފަން ތާރީޚު އެއް ދުވަހަކަށް ވުމީ މުޅި ދުނިޔޭން ވެސް މަދުން ނޫނީ ނުފެންނާނެ ކަމެކެވެ. އަދި ޑޮކްޓަރުން ބުނާ ގޮތުގައި މިފަދަ ކުއްޖެއް އުފަން ވުމުގެ ޗާންސް އޮންނަނީ 1،33،000 ފަހަރުން އެއް ފަހަރު އެވެ.

ހަންޓްސްވީލް ހޮސްޕިޓަލް ފޯ ވިމެން އެންޑް ޗިލްރަންގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި މި ޚަބަރު ޝެއާ ކުރަމުން މި އާއިލާގެ ފޮޓޯއެއް ވެސް ޕޯސްޓްކޮށްފައި ވެއެވެ.

"އަލަތު ދަރިފުޅު އުފަންވުމާ ގުޅިގެން ކެސިޑީ އާއި ޑީލާން ސްކޮޓް އަށް މަރުހަބާ. މިއީ ތި އާއިލާއަށް ވަރަށް އުފާވެރި އެހާމެ ޚާއްސަ ދުވަހެއްކަން ޔަގީން. ސަބަބަކީ އާއިލާގެ އެންމެން އުފަން ވެފައިވަނީ އެއް ތާރީޚެއްގައި ކަމަށް ވީތީ،" ހޮސްޕިޓަލުގެ ޕޯސްޓުގައި ލިޔެފައި ވެއެވެ.

ދެމަފިރިންގެ ދަރިފުޅު ލެނަން އުފަންވެފައިވަނީ ޑިސެމްބަރު 18 ވީ އާދިއްތަ ދުވަހު އެވެ. އިއްތިފާގުން މި ދުވަހަކީ އޭނާގެ މަންމަގެ އަދި ބައްޕަގެ ވެސް އުފަން ދުވަހެވެ.

ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އެ ދެމަފިރިންގެ އުފަން ދުވަހު ވިހަން މަޑު ކުރެވޭތޯ ކެސިޑީ ވަރަށް ހިތްވަރު ކުރި އެވެ. އެންމެ ފަހުން އޭނާ ވިހާފައިވަނީ ޑިސެމްބަރު 18 ވަނަ ދުވަހުގެ ދަންވަރު 12.30ގައެވެ.