ބޭރު ކުޅިވަރު

އަންގި ބަލާ ކީޕަރު ޗެކް ޗެލްސީ އަށް

އެޑިޑާސްއިން އޭނާ އަށް ދިން އަންގި ބަލައި އާސެނަލްގެ ކީޕަރު ޕީޓަރ ޗެކް ޗެލްސީ ޓްރޭނިން ދަނޑަށް ހިނގައްޖެ އެވެ.

މިކަމެއް ހިނގީ މާދަމާ ޕްރެމިއާ ލީގުގައި އާސެނަލް އާއި ޗެލްސީ ބައްދަލުކުރަން ހަމަޖެހިފައިވަނިކޮށެވެ.

2004 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ޗެލްސީ އަށް ކުޅުނު ޗެކް އޭނާގެ ކުރީގެ ކުލަބަށް އަންގި ބަލައި ދާން ޖެހުނީ އެޑިޑާސް އަށް އޮޅިގެން އޭނާގެ އަންގި އެކުލަބާ ހަވާލުކުރުމުންނެވެ.

ޗެލްސީގެ ކޯޗު ގުސް ހިޑިންކް ބުނީ ޗެކް ދަނޑަށް އައުމުން އޭނާ އުފާވި ކަމަށާއި އަދި އެއީ ކުރިން ވެދާނެ ކަމަށް އޭނާ ހީކޮށްގެކުރި ހުރި ކަމެއްނޫން ކަމަށެވެ.

"އަހަރުމެން ވާހަކަ ދެއްކިން. އަހަރުމެން ބެލީ ސިއްރުން އުޅެވޭތޯ. ބޮޑަށް ފުރަގަސްދީގެން ތިބީ ވެސް. އެކަމަކު އެކަން ސިއްރުވާގޮތެއްނުވި. އޭނާއާ ބައްދަލުވުމުން އަހަރެން އުފާވި،" 2009 ވަނަ އަހަރު ހިޑިންކް ޗެލްސީ އަށް ކޯޗުކޮށްދިން އިރު ގޯލު ބެލެހެއްޓި ކީޕަރާ ބެހޭ ގޮތުން ހިޑިންކް ބުންޏެވެ.

މުހިންމު މެޗެއް ކުރިއަށް އޮއްވައި ޗެކް އޭނާގެ ކުރީގެ ކުލަބުގެ ދަނޑަށް ދިއުމާ ބެހޭ ގޮތުން ސުވާލުކުރުމުން އާސެނަލްގެ ކޯޗު އާސެން ވެންގާ ދީފައިވަނީ ފިނި ޖަވާބެކެވެ.

"އޭނާގެ އަތުގައި ބައިވަރު އަންގި ހުންނާނެ. ދެން މިކަހަލަ ކަންތައްތައް ހިނގާނެވެސްމެ. މިކަހަލަ ކަންތައްތަކަކީ ދިމާވާ އެކްސިޑެންޓްތައް. ގަސްތުގައި މީހަކު ނުވަތަ ބަޔަކު ކުރާ ކަމެއްނޫން، އަހަރެން މިހާރު އޭނާ ދެކެނީ ވަރަށް ރަނގަޅަށް ވެސް އާސެނަލްގެ ކުޅުންތެރިއެއްގެ ގޮތުގައި. ވަރަށް ގިނަ ދުވަހު މިކުލަބަށް ކުޅެފައިހުރި ކުޅުންތެރިއެއްފަދައިން. އޭނާ ވަރަށް އަވަހަށް ހޭނިއްޖެ މިކުލަބަށް. ކުލަބު ރޫހު ހުރި ކުޅުންތެރިއެއް އެއީ،" ވެންގާ ބުންޏެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީއާ ދެކޮޅަށް ނުކުންނައިރު އާސެނަލް އޮތީ ޓޭބަލުގެ އެއްވަނާގަ އެވެ. އެޓީމަށް 44 ޕޮއިންޓް ލިބިފައިވާއިރު ޗެލްސީ އޮތީ 25 ޕޮއިންޓާއެކު 14 ވަނާގަ އެވެ.