މާލޭ ސިޓީ ކައުންސިލް

ވިލިމާލެ ވޯޓަ ސްޕޯޓްސް ސަރަހައްދު ތަރައްގީނުކުރަން ނިންމައިފި

ވިލިމާލޭގައި ވޯޓާ ސްޕޯޓްސްގެ ހަރަކާތްތައް ކުރިއަށް ގެންދާ ސަރަހައްދު ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނު ބާތިލްކޮށްފި އެވެ.

މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ނިންމާ މާލޭ ސިޓީ ކައުންސިލުން ބުނީ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ ރައްޔިތުން އެދޭ ގޮތަށް މާލެ ސަރަހައްދަށް ތަރައްގީ ގެނައުމަށް އެ ކައުންސިލުން އިސްކަންދޭނެ ކަމަށެވެ.

ވިލިމާލެ ވޯޓާ ސްޕޯޓްސް ބީޗް ސަރަހައްދަކީ ވިލިމާލޭގެ ރައްޔިތުންގެ އިތުރުން މާލެއިން ވެސް ގިނަ ބަޔަކު ޒިޔާރަތްކުރާ ސަރަހައްދެކެވެ. މި ސަރަހައްދު ތަރައްގީކުރަން ހުޅުވާލުމާއިއެކު ގިނަ ބަޔަކު ވަނީ މިކަމަށް ފާޑުކިޔާ ނުރުހުން ފާޅުކޮށްފަ އެވެ.

މިގޮތުން މި ސަރަހައްދުގައި އޮންނަ ފަރަކީ ޑައިވްކޮށް ހެދުމަށް މާލެ ސަރަހައްދުގައި އޮންނަ ހަމައެކަނި ފަރު ކަމަށާއި ސިޓީ ކައުންސިލުން ނިންމާފައިވާ ގޮތަށް މިތަން ތަރައްގީކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށްވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.

އާންމުންނަށް މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ވަސީލަތްތައް ލިބޭނެ އިންތިޒާމާއިއެކު ވިލިމާލެ ބީޗުން 120،000 އަކަ ފޫޓުގެ ސަރަހައްދެއް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ސިޓީ ކައުންސިލުން ހުޅުވާލި އެވެ.

މިއީ އެ ކައުންސިލުގެ ސްޓްރަޓެޖިކް އެކްޝަން ޕްލޭންގައި ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން ޕްރޮޖެކްޓެއް ނަމަވެސް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.