ޔޫކްރެއިންގެ ރައީސް ވޮލޮދިމީރް ޒެލެންސްކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި އެވެ.
މި މަޝްވަރާގެ ބޮޑުބައި އޮތީ ޔުކްރޭން ހަނގުރާމަ ނިންމާނެ ގޮތަމާ މެދު ދެ ލީޑަރުންނަށް ފެނިވަޑައިގަންނަވާ އެއްޗެއް ވިދާޅުވުމުގަ އެވެ.
ޒެލެންސްކީ ޓްވީޓާގައި ވިދާޅުވި ގޮތުގައި މޯދިއާ މަޝްވަރާ ކުރެއްވީ ޔުކްރޭން ހަނގުރާމައަށް އޮތް ސުލްހައާ ބެހޭ ގޮތުންނެވެ. އަދި ރަޝިއާއާ މެދު އަމަލުކުރާނެ ގޮތަކާ މެދު އެވެ.
ދެ ލީޑަރުންގެ ވާހަކަތައް މި ގޮތަށް ދެކެވިފައި އޮތް ނަމަވެސް، އިންޑިއާ އޮތީ ރަޝިއާއަށް ދަތިކުރާ ގޮތަކަށް ނޫނެވެ. ޔުކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި -- އެމެރިކާ އެތައް އާދޭހެއް ކުރިއިރު ވެސް އިންޑިއާ އޮތީ ރަޝިއާގެ ހިމާޔަތުގަ އެވެ.
މޯދިީ އަރިހުގައި ޒެލެންސްކީ ކުރެއްވި ޝަކުވާތަކުގެ ތެރޭގައި ރަޝިއާއަށް އިގްތިސާދީ ގޮތުން ދަތިކޮށްގެން ނޫން ގޮތަކަށް ހަނގުރާމަ ނުހުއްޓާނެ ކަމަށް ވިދާޅުވި އެވެ. އަދި އިންޑިއާއިން ރަޝިއާ އާއެކު ވިޔަފާރި ކުރުމަކީ ރަޝިއާއަށް އޮތް ވަރަށް ބޮޑު އުންމީދަކާއި ހިތްވަރެއް ކަމަށް ދެންނެވި އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމައަށް ހައްލެއް ހޯދުމުގެ ގޮތުން 10 ޕޮއިންޓަކަށް ބަހުސްކުރެވޭ ގޮތަށް ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރަން ޔުކްރޭނުން މަސައްކަތްކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޒެލެންސްކީ އާއި މޯދީ ދެއްކެވި ވާހަކަތަކުގައި ވެސް މި މައުލޫއަށް އަލިއަޅުއްވާ ލެއްވި އެވެ.
ޔުކްރޭނުން ވަނީ ޖީ20 ގައުމުތަކުގެ ކިބައިން ވެސް މި 10 ޕޮއިންޓަށް އިތުރު ހިޔާލެއް -- ކުރިއެރުމެއް ދެއްވުމަށް އެދިފަ އެވެ.
މޯދީ އާއި ޒެލެންސްކީގެ ފޯނުކޯލަށް ފަހު އިންޑިއާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދެ ލީޑަރުން މަޝްވަރާ ކުރެއްވީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާ ބެހޭ ގޮތުން ކަމަށެވެ. އަދި ދުނިޔެއަށް ދިމާވެފައި އޮތް ކާބޯތަކެއްޗާއި ކާނާއާ ބެހޭ ގޮތުން ވެސް ދެ ލީޑަރުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ޔުކްރޭން ހަނގުރާމައަށް ސުލްހަވެރި އަދި ސިޔާސީ ހައްލެއް ހޯދުމުގައި އިންޑިއާގެ އެހީތެރިކަން އޮންނާނެ ކަމަށް ވެސް މޯދީ ވިދާޅުވި އެވެ. އަދި ރަޝިއާއަށް މަޝްވަރާ ދެއްވާނެ ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.