ކުރީގެ ރައީސް އަބްދުﷲ ޔާމީންއަބްދުލް ގައްޔޫމަށް ހުކުމް ކުރެއްވި ފަނޑިޔާރު އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ހުކުމް ވިދާޅުވަމުން ގެންދެވިއިރު ރަހީނުކޮށްފައި ހުންނެވި ކަމުގެ އެއްވެސް މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައި ނުވާކަ މަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް ކުރި ގާޒީ ރަހީނު ކޮށްފައިވާ ކަމުގެ އެއްވެސް މައްސަލައެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމަށެވެ.
"އަދި އެފަދަ މައްސަލައެއް މިހާތަނަށް އެއްވެސް ފަރާތަކުން ހުށަހަޅާފައެއްވެސް ނުވޭ،" އޮފިޝަލް ވިދާޅުވި އެެވެ.
ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތުގެ ދައުވާ ސާބިތުވެ، އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ ހުކުމް ތަންފީޒު ކުރަން މާފުށި ޖަލުގައެވެ.
މި ހުކުމާއި ގުޅިގެން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރު ހުންނެވީ ރަހީނު ކޮށްފައި ކަމަށެވެ. އަދި ހުކުމް އިއްވުމުގެ ކުރިން ގާޒީގެ ހަށިގަނޑުވެސް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެކަމަކު އެކަން ކުރީ ސީދާ ކޮން ބައެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.
"ފަނޑިޔާރު ރަހީނުކޮށް ހަށިގަނޑު ބަލާ ފާސްކޮށް ވަކިން ކޮޓަރިއެއްގައި ބައިންދައިގެން ހުކުމް ކުރަން މަޖުބޫރު ކުރީ. އިންޑިއާ އިން ދިން ހުކުމެއް އިއްވީ. މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު ފެނުނުތޯ؟ ނުފެންނާނެ. ގަން ޕޮއިންޓްގައި އިނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ކުރި ހުކުމުގެ ރިޕޯޓު ވެސް ވަނީ އެމަނިކުފާނުގެ ވަކީލުންނާއި އިއްޔެ ހަވާލުކޮށްފަ އެވެ. މި މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ ބުނެފަ އެވެ.