ރަންދިހަފަހެއް

އާ ނޫޓު ބޭނުންކުރުމުގެ ތައްޔާރީތަކަށް ހާއްސަ ހަރަކާތެއް ފަށައިފި

Jan 23, 2016
3
  • އާ ނޫޓު ނެރެނީ މިމަހުގެ 26 ގައި
  • މުޅިން އަލަށް 1،000ރ. ގެ ނޫޓެއް ހިމެނޭ
  • ނޫޓުތަކުގެ ފެންވަރު ރަނގަޅު

މިމަހުގެ 26 ގައި ބޭނުންކުރަން ފަށާ "ރަންދިހަ ފަހެއް"ގެ އާ ނޫޓުތައް ސާކިއުލޭޝަނަށް ނެރެން އެންމެ ފަހުގެ ތައްޔާރީތައް ވުމުގެ ގޮތުން މަރުކަޒީ ބޭންކުން މިއަދު ހާއްސަ ހަރަކާތެއް ފަށައިފި އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިތަރީ އޮތޯރޮޓީ (އެމްއެމްއޭ) ގެ އޮފިޝަލަކު ވިދާޅުވީ 26 ވަނަ ދުވަހުގެ ބޭނުންކުރަން ފަށާ އާ ނޫޓުތަކަށް މީހުން ހޭލުންތެރި ކުރުވުމަށް ހިންގާ އެންމެ ފަހުގެ ހަރަކާތްތައް މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ ކަމަށެވެ.

ހެނދު ނުވައަކުން ފެށިގެން މަރުކަޒީ ބޭންކުގެ މުވައްޒަފުންވަނީ "ޑޯޓު ޑޯ މެރަތަން" ގެ ނަމުގައި ހާއްސަ ހަރަކާތެއް ފަށާފަ އެވެ. މި ހަރަކާތުގައި މާލެ 36 ބަޔަކަށް ބަހާލައިގެން ގިނަ ނޫޓުގެ މައުލޫމާތު އާއްމުންނަށް ދޭނެ އެވެ. މިގޮތުން ދޭ މައުލޫމާތު ތެރޭގައި ނޫޓުތައް ނެރުމަށް ހަމަޖެހިފައިވާ ތާރީހު އާއްމުންނަށް އަންގައި ދިނުމާއި ނޫޓާ ބެހޭ މައުލޫމާތު ވިޔަފާރިތަކަށް ފޯރުކޮށްދިނުން ހިމެނެ އެވެ.

"މުޅި މާލޭގައި ހަރަކާތެރިވާނެ. މީގައި ބޮޑަށް މައުލޫމާތު ދޭނީ ވިޔަފާރިތަކަށް،" މަރުކަޒީ ބޭންކުގެ އޮފިޝަލް ވިދާޅުވި އެވެ.

އާ ނޫޓު ސީރީސް ޗާޕްކުރަނީ ދިވެހި ރުފިޔާގެ ނޫޓުތައް 1947 ވަނަ އަހަރުން ފެށިގެން ޕްރިންޓްކުރާ އިނގިރޭސިވިލާތުގެ ޑިލާރޫއިންނެވެ.

މިނިވަން 50 އާ ގުޅުވައިގެން "ރަންދިހަ ފަހެއް" ގެ ނަން ދީފައިވާ ސީރީސްގައި ހިމެނެނީ ތަފާތު ކުލަތަކުގައި ނެރޭ 10، 20، 50، 100 500 އަދި އަލަށް ތައާރަފްކުރާ 1000 ރުފިޔާގެ ނޫޓެވެ. މި ސިރީސްގައި 5 ރުފިޔާގެ ނޫޓުގެ ބަދަލުގައި ނެރުމަށް ހަމަޖެހިފައި ވަނީ 5 ރުފިޔާގެ ފައިސާ ފޮއްޗެވެ.

އާ ނޫޓްތަކަކީ ދިވެހިންގެ އާދަކާދަ އާއި ދިވެހި ވަންތަކަން ދައްކައިދޭ ނޫޓުތަކެކެވެ.