އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ މައި މަރުކަޒަކަށް ދިވެހި ރާއްޖޭގެ އަޑުގެ އިމާރާތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ މައި މަރުކަޒު ހިންގުމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ތަނެއް ހަމަޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އަޑުގެ އިމާރާތުން ތަނެއް އީސީއަށް ދިނުމަށް ޕްލޭނިން މިނިސްޓްރީން އަޑަށް އަންގާފައިވާ ކަމަށްވެސް ހަބީބް ވިދާޅުވި އެވެ.
"އަންނަ މަހުގެ 15 ހިސާބުގައި އަޑުގެ އިމާރާތް ލިބޭނެ ކަމަށް އަންގަނީ،" ހަބީބު ވިދާޅުވި އެވެ.
މީގެ ކުރިން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކުރީ ބާ ޖަމާލުއްދީން ސްކޫލު އިމާރާތެވެ. އެ ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތާއި ޖަމާލުއްދީން ސުކޫލުގެ އެނެކްސްއެއް އެޅުމަށްޓަކައި އެތަން ހުސްކޮށް، ބާ އިމާރާތް ތަޅާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ރިޔާސީ އިންތިހާބު ބާއްވާނެ މުއްދަތު އިއުލާނުކުރާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.