ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް ދާއިމީ އޮފީހެއް ލިބިއްޖެ

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އޮފީސް ހިންގުމަށް ސަރުކާރުން ތަނެއް ހަމަޖައްސައިދީފި އެވެ.

އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން އަވަސްއަށް ވިދާޅުވީ ހުޅުމާލޭގައި ކުރިން ކޮވިޑް ވިލެޖެ ހިންގި 39،000 އަކަފޫޓުގެ ބިން އެންޑީއެމްއޭ އަށް، މިޑިސެމްބަރު މަހު ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.

އެންޑީއެމްއޭގެ މަސައްކަތްތައް މިހާތަނަށް ހިންގާފައިވަނީ ވަގުތީ އިމާރާތްތަކުގަ އެވެ. ހިސާން ވިދާޅުވި ގޮތުގައި ދާއިމީ އިމާރާތެއް ލިބުން ލަސްވުމުގެ ސަބަބުން ވަރަށް ގިނަ ދަތިތައް ދިމާވަމުން ދިޔަ ކަމަށެވެ.

"އެކަށީގެންވާ ޖާގަ ނެތުމާއި، އެއްތަނުން އަނެއް ތަނަށް އޮފީސް ބަދަލުކުރަންޖެހުމުން ވަރަށް ބޮޑި ދަތިތަކާ ކުރިމަތިވޭ،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިން ލިބި ދާއިމީ އިމާރާތަށް އޮފީހުގެ މަސައްކަތްތައް ބަދަލުވުމުން ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ހިދުމަތްތައް މުޅި ރާއްޖެއަށް އިތުރަށް ފުޅާވެގެން ދާނެ ކަމަށެވެ. އަލަށް ލިބުނު ބިމުގައި ދާއިމީ އޮފީސް ގާއިމުކުރެވޭނީ އަންނަ އަހަރު ކަމުގައިވެސް ވިދާޅުވި އެވެ.

"މިހާރު އެތަން ހުރީ، ކޮވިޑްގައި ބޭނުންކުރި ގޮތަށް ހޮސްޕިޓަލެއްހެން، ދެން އެތަން އޮފީސް އިމާރާތަކަށް ހަދަން އެސެސްމަންޓް ހެދުމަށްފަހު މަސައްކަތް ފެށި، އެތަނަށް ބަދަލުވެވޭނީ އަންނަ އަހަރު،" ހިސާން ވިދާޅުވި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު އުފެއްދީ ސުނާމީއާއި ގުޅިގެން 2004 ވަނަ އަހަރު އެވެ. އޭގެފަހުން 2018 ވަނަ އަހަރު ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް ބަދަލުކުކޮށް އެ އޮތޯރިޓީއަށް ވަނީ ގާނޫނީ ބާރުވެރިކަން ދީފަ އެވެ.

އެންޑީއެމްއޭގެ މައިގަނޑު މަސައްކަތަކީ ކާރިސާތަކުގައި ލިބޭ ގެއްލުމަށް ހުރި ހިރާސްތައް ކުޑަކޮށް، އެފަދަ ހާލަތުގައި އަވަސް ފިޔަވަޅު އެޅުމުގެ އިންތިޒާމްތައް ހަމަޖެއްސުމެވެ.