ލައިފްސްޓައިލް

ޕައިލެޓަކު މަންމަ ގޮވައިގެން މައްކާއަށް އުދުހި ހުވަފެން ހަގީގަތަކަށް ހަދައިދީފި

ބައެއް މައިންބަފައިން އެމީހުންގެ ދަރިން ވަރަށް ކުޑައިރުއްސުރެ އެކި ކަންކަން ކުރަން ހިތްވަރުދީ ހަދަ އެވެ. އަދި އެމީހުންގެ ހުވަފެންތައް ދަރިންނަށް ބުނެދީގެން އެކުދިންނަށް އެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގެ އަޒުމު އާލާ ކުރެ އެވެ.

އެގޮތުން މި މަންމަގެ ހުވަފެނަކީ އޭނާގެ ދަރިފުޅު ބޮޑުވެގެން ޕައިލެޓަކަށް ވެގެން މަންމަ ގޮވައިގެން މަތިންދާބޯޓު އުދުއްސާފައި މައްކާއަށް ގޮވައިގެން ދިއުމެވެ.

މި އަންހެން މީހާގެ ދަރިފުޅު ބޮޑުވެގެން ޕައިލެޓްކަން ކިޔަވައިގެން އޭނާގެ މަންމަގެ ހުވަފެން ހަގީގަތަކަށް ހަދައިދިން ވާހަކައަކީ އިންޓަނެޓުގައި ވަރަށް ހިނގި އަދި ގިނަ ބަޔެއްގެ ހިތަށް އަސަރުކުރުވި ވާހަކަ އެކެވެ.

"އަހަރެންގެ މަންމަ ވަރަށް ކުޑައިރު އެއް ދުވަހު ސްކޫލަށް ފޮނުވިއިރު އަހަރެން އަތަށް ކާޑެއް ދިން. އޭގައި ވަނީ ދަރިފުޅު ބޮޑުވެގެން ޕައިލެޓަކަށް ވެގެން ދަރިފުޅު މަތިންދާބޯޓު ދުއްވާފައި މަންމަ ގޮވައިގެން މާތްވެގެންވާ މައްކާއަށް ދިއުމަކީ މަންމަގެ އެންމެ ބޮޑު ހުވަފެނެވެ. މިއަދު އަހަރެންގެ ޕައިލެޓްކަމުގައި މާތްވެގެންވާ ކައުބާއަށް ދަތުރުކުރި މަތިންދާބޯޓުގެ އެއް ފަސިންޖަރަކީ އަހަރެންގެ މަންމަ،" އިންސްޓަގްރާމްގައި މި ޕައިލެޓް ޕޯސްޓްކުރި މެސެޖެއްގައި ވެއެވެ.

މި ޕޯސްޓަށް ވަރަށް ގިނަ ބަޔަކު އުފާކޮށް ކޮމެންޓްކޮށްފައި ވެއެވެ. އަދި މަންމަގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ދަރިއަކު ކުރި މި ބުރަ މަސައްކަތަށް އިސްލާމް ދީން ނޫން އެހެން ދީންތަކުގެ މީހުން ވެސް ތައުރީފުކޮށްފައި ވެއެވެ.