ލައިފްސްޓައިލް

އާސާމްގެ ފަގީރު ކުދިންގެ ހީރޯ: 400 ކުދިންނަށް ހިލޭ ކިޔަވައިދޭ

އިންޑިޔާގެ އާސާމްގެ ރަށްވެއްސެއް ކަމަށްވާ އުއްތަމް ޓެރޯން އަކީ ވަރަށް ފަގީރު ނިކަމެތި ހާލުގައި ކުޑައިރު އުޅުނު ކުއްޖެކެވެ. ކިޔެވުމަށް ވެސް ދަށްކަމުން އަބަދުވެސް ކުލާހުގެ ފުލުގައި އިން ކުއްޖެކެވެ. ނަމަވެސް ހިތްވަރާއެކު ކިޔަވައި އޭނާ ރަނގަޅު ތައުލީމެއް ހޯދި އެވެ. އަދި ފަގީރު ކުދިންނަށް އެކުދިންގެ ގޭގެޔަށް ގޮސް ހިލޭ ކިޔަވައިދިނުމުގެ މަސައްކަތް ޓެރޮން ވަނީ ކޮށްފަ އެވެ. މިގޮތަށް ކިޔަވައިދެމުން ގޮސް އޭނާ ނަން-ޕްރޮފިޓް ސްކޫލެއް ޕަރީޖާތު އެކަޑަމީގެ ނަމުގައި އުފެއްދި އެވެ.

މި ސްކޫލްގައި މިހާރު 400 ކުދިން ކިޔަވަ އެވެ. މުޅިން ވެސް ފަގީރު އާއިލާތަކުގެ ކުދިންނެވެ. އުއްތަމުގެ އަވަށުގެ ވަށައިގެންވާ 20 ވަރަކަށް އަވަށުގެ ކުދިން މި ސްކޫލަށް ކިޔަވަން އާދެ އެވެ. އަދި ދުރު އަވަށްތަކުން ކިޔަވަން އަންނަ 60 ވަރަކަށް ކުދިންނަށް ސްކޫލްގައި ތިބެވޭނެ އިންތިޒާމް ވެސް އޭނާ ވަނީ ހަމަޖައްސާފަ އެވެ.

އެހެންކަމުން ޓެރޮން ވެފައިވަނީ އެ ހިސާބުގަނޑުގެ އެންމެން ވަރަށް ލޯބިވާ ހީރޯ އަކަށެވެ.

ޓެރޮންގެ މި އިންސާނީ ޚިދުމަތުގެ ފެށުމަކަށްވީ ފަގީރުކަމުން ކިޔެވުމުން މަހުރޫމްވެފައި ތިބި އެތައް ކުދިންނެއް އޭނާގެ އަމިއްލަ ގެޔަށް ކިޔަވަން ފޮނުވަން އެކުދިންގެ މައިންބަފައިން ކައިރީގައި ޓެރޮން ބުނި ހިސާބުންނެވެ. އޭނާގެ ކުޑަ ކުޑަ ޖިފުޓީގައި ކްލާސް ރޫމެއް ހަދައި ކުދިންނަށް ހިލޭ ކިޔަވައިދިނުމުގެ މަސައްކަތް ޓެރޮން ފެށީ 2003 ގައެވެ.

"އަހަރެންގެ މަންމަ މި ކުދިންނަށް ކައްކާފައި ކާން ދިން،" އިންޑިޔާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޓެރޮން ބުންޏެވެ.

އެންމެ 800 ރުޕީސް ޖީބުގައި އޮވެގެން ޓެރޮން ކިޔަވައިދިނުމުގެ މަސައްކަތް ފެށިއިރު އެގެޔަށް ކިޔަވަން އަންނަނީ ހަތަރު ކުދިންނެވެ. ނަމަވެސް އޭނާގެ ސްކޫލް ބޮޑުވެ ދާއިމީ ބިލްޑިންގެއް ސްކޫލް ހިންގަން ހޯދި އެވެ. މިހާރު އެ ސްކޫލްގައި 400 ކުދިންނަށް ކިޔަވައިދޭން ތަމްރީނު ލިބިފައިވާ 22 ޓީޗަރުން މަސައްކަތް ކުރެ އެވެ. މީގެން ކޮންމެ ކުއްޖެއްގެ ތައުލީމަށް 400 ރުޕީސް ޚަރަދު ވެއެވެ.

އާސާމް ބޯޑުން އެފިލިއޭޓް ކޮށްފައިވާ މި ސްކޫލްގައި ނާސަރީން ފެށިގެން ގްރޭޑް 10 އާ ހަމައަށް މިހާރު ކިޔަވައި ދެއެވެ.

ޕަރިޖަތު އެކަޑަމީ މިހާރު ހިންގަނީ އެކި ފަރާތްތަކުން ދޭ ޑޮނޭޝަނުންނާއި އެކި އޮގަނައިޒޭޝަން ތަކާއި އަމިއްލަ ފަރުދުންގެ ދީލަތި އެހީގަ އެވެ.

"އަހަރެން ފަންޑު ހޯދުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރަން. އެއީ ސްކޫލް ހިންގުމާއި ކުދިންނަށް ކިޔަވައިދޭން ޚަރަދުކުރަން. އަދި ޓީޗަރުންނަށް ވެސް އިއްޒަތާއި ގަދަރާއެކު މަސައްކަތް ކުރެވޭނީ ކޮންމެވެސް އާމްދަނީއެއް ލިބިގެން ކަމަށް ވާތީ އެމީހުންނަށް ރަނގަޅު މުސާރައެއް ދޭން. އަދި ދުރު އަވަށްތަކުން އައިސް ތިބޭ ކުދިންގެ ބޯޑިންގް އަށް ވެސް ބޮޑު ޚަރަދެއް ދޭ،" ޓެރޮން ބުންޏެވެ.