- ފިހާރަތަކުގެ ވިޔަފާރި ރަނގަޅުވެފައި
- ޓެކްސީ ދަތުރުތައް އިތުރުވެފައި
- ދެ ކްރޫޒްލައިނާއިން ގިނަ ޓޫރިސްޓުން ފޭބި
"މި އޮތީ ޓޫރިސްޓް އީދު އައިސްފަ. ހާދަ މީހުންނެކޭ؟" އެއް ނަމްބަރު ފާލަން ކައިރީ ހުރި މީހަކު ބުނީ މިހެންނެވެ. އީދަކަށް ނުވާނެ ސަބަބެއް ނެތެވެ. ބޮޑު މާސިންގާ ދެ ކްރޫޒްލައިނާ މާލެ އަށް ބަނދަރު ކުރީ އެވެ. ދެ ކްރޫޒްލައިނާ އިން މާލެއަށް ފޭބި 5،000 ޓޫރިސްޓުނާއެކު އެއް ނަމްބަރު ފާލަން ސަރަހައްދު ވަނީ ތޮއް ޖެހިފަ އެވެ. ޓޫރިސްޓުންނާއެކު މާލެއަށް މިއޮތީ އީދު އައިސްފަ އެވެ.
"ވަރަށް ބޮޑު އުލަފެއް މިއީ. އަޅުގަނޑުމެން ބޭނުންވަނީ ގައުމު މިގޮތަށް މަޑުމައިތިރިކޮށް އޮންނަން. އޭރުން ހާސްކަމެއް ނެތި ދާނީ ކުރިއަށް. ޓޫރިސްޓުން އަންނާނެ،" ޓުއާ ގައިޑެއްގެ ކައިރީ އަހާލުން އޭނަގެ ޖަވާބަކީ މިއީ އެވެ.
މިއަދު ހެނދުނު މާލެއަށް ބަނދަރުކުރި އެއް ކްރޫޒަލައިނާއަކީ އެމެރިކާގެ މަޝްހޫރު "ސަން ޕްރިންސަސް" އެވެ. މި ކްރޫޒްލައިނާއިން 3،000 ވަރަކަށް ޓޫރިސްޓުން މާލެ ފައިބާނެ އެވެ. ދެން އޮތީ އުޅަނދުން ވެސް 2،000 އެއްހާ ޓޫރިސްޓުން ފައިބާނެ ކަމަށް "އަވަސް" އަށް އެނގިފައިވެ އެވެ.
މިއީ މާލެއަށް މިފަހުގެ ތާރީހުގައި އެންމެ ގިނައިން ޓޫރިސްޓުން ފައިބާ ދުވަހެވެ. އެއް ނަމްބަރު ފާލަން ސަރަހައްދަން ބައިލުމުން ސިފަވަނީ ބޮޑު އެއް ވުމެއްގެ ސިފައިގަ އެވެ. ޓޫރިސްޓު ފުލުހުން މަގު ބަލަހައްޓަމުން ދިޔައިރު އެންމެ ބިޒީކޮށް ފެނުނީ ޓުއާ ގައިޑުންނެވެ. އެއް ފަހަރާ އެހާގިނަ ޓޫރިސްޓުން ފޭބުމުން އެ މީހުންވެސް ތިބީ ފާޑަކަށް ހާސްވެފަ އެވެ.
"ވަރަށް ބައިވަރު މިއީ. މީގެ ސަބަބުން ގައުމަށް ހުރިހާ ފައިދާއެއް އޮތީ. މި މީހުން ތިބޭނީ ހަމައެކަނި މާލޭގައެއް ނޫން. އެކްސްކާޝަން ހަދަންވެސް މި މީހުން ދާނެ،" ޓުއާ ގައިޑަކު ބުންޏެވެ.
ރާއްޖޭގެ ޓުއާ ގައިޑް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝިހާމް ވިދާޅުވީ ގިނަ ޓޫރިސްޓުން ފޭބުމާއެކު އެކްސްކާޝަންއަށް އޮތް ޑިމާންޑް އުފުލިގެން ގޮސްފައިވާ ކަމަށެވެ.
"އެކްސްކާޝަން ހަބޭސް. ވަރަށް ބައިވަރު އެކްސްކާޝަންތައް އެބަ ލިބޭ،" ޝިޔާމް ވިދާޅުވި އެވެ.
ރާއްޖެއަށް ބޮޑެތި ކްރޫޒްލައިނާތަކާއި ސުޕަ ޔޮޓު ފަހަރު ގެންނަ ޖަމިއްޔާ މާޔާގެ އޮފިޝަލަކު ވިދާޅުވީ ބޭނުމަކީ ގައުމުގެ އިކޮނޮމީ ރަނގަޅު ކުރުން ކަމަށެވެ.
"މި މަސައްކަތުގައި ފުލުހުންގެ އެއްބާރުލުން ވެސް ވަރަށް ބޮޑަށް ލިބޭ. މިކަން ކުރެވޭނީ ހުރިހާ ފަރާތްތަކުން ގުޅިގެން،" މާޔާގެ އޮފިޝަލް ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ޓޫރިސްޓުން މާލެއަށް ފޭބުމާއެކު ސުވެނިޔަ ވިޔަފާރި ވެސް މިވަނީ މައްޗަށް ޖެހިލާފަ އެވެ. އަދި މިއާއެކު ޓެކްސީގައި ޓޫރިސްޓުން ކުރާ ދަތުރުތައް ވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ. ކޮންމެއަކަށް މިއަދު މާލެ މި އޮތީ ފުރިފަ އެވެ. ގިނަ އަދަދެެއްގެ ޓޫރިސްޓުން މާލެ ފޭބުމުން މި އޮތީ ކުޑަ ވަރެއްގެ އީދެއް އައިސްފަ އެވެ.