ވެމްކޯއިން ކުނި އުކާލާނެ ކަމަށް ބަލައި މަގުމަތީގައި ކުނި ނުބަހައްޓަން މާލެ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.
މާލެ ސިޓީ ކައުންސިލްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވީ އެގޮތަށް މަގުމަތީގައި ކުނި ބެހެއްޓުމުން ވެމްކޯ އިން ނުނަގާ ހުންނާތީ މީގެ ކުރިން ވެސް މާލެ ސިޓީ ކައުންސިލުން ކުނި ނަގާ ކަމަށެވެ. އެހެން ނަގާ ކުނި އުކާލަން ވެމްކޯއަށް ގޭޓު ފައިސާ ވެސް ދޭން ޖެހޭ ކަމުގައި ވިދާޅުވި އެވެ.
"އެގޮތަށް ކަންކަން ވާތީ އާންމުން ފަރުދުން ވެމްކޯއަށް ދައްކާ ފައިސާގެ އިތުރުން ހަމަ އެމަސައްކަތަށް، މެވްކޯއިން އެމަސައްކަތް ނުކޮށް މާލެ ސިޓީ ކައުންސިލުން ވެސް ފައިސާ ދައްކަން އެބަޖެހޭ. އެހެންކަމުން މަގުމަތީގައި ކުނި ނުބެހެއްޓުމަށް އިލްތިމާސްކުރަން،" މޭޔަރު ވިދާޅުވި އެވެ.
މާލޭގެ މަގުތަކާއި ވިލިމާލޭގެ މަގުތައް ކުނިކަހާ ސާފުކުރުމުގެ މަަސައްކަތް އިއްޔެއިން ފެށިގެން މާލެ ސިޓީ ކައުންސިލުން އަމިއްލައަށް ކުރަން ފަށާފައިވާއިރު މާލެ ކުނިކަހާ ސާފުކުރަން 80 މުވައްޒަފުންނާއި ވިލިމާލޭގެ މަސައްކަތަށް 28 މުވައްޒަފުން އެބަތިބި ކަމުގައި މޭޔަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މާލެއަށް ޖުމްލަ 120 މުވައްޒަފުން އަދި ވިލިމާލެ އަށް 30 މުވައަޒަފުން އަދި އިތުރަށް ބޭނުންވާ ކަމަށެވެ. ކުނި ނަގާ ސާފުކުރުމުގެ މަސައްކަތް ކުރަމުންދަނީ މާލެ 16 ޒޯނަކަށް އަދި ވިލިމާލެ ހަތަރު ޒޯނަކަށް ބަހާލައިގެންނެވެ. މިއިން ކޮންމެ ޒޯނެއްގައި ސުޕަވައިޒަރަކާއި މުޅި އޮޕަރޭޝަން ބަލަހައްޓާ ހެޑެއް ހުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ވެމްކޯގައި ތިބި މުވައްޒަފުންގެ ތެރެއިން ވެސް ވަރަށް ގިނަ މުވައްޒަފުން މާލެ ސިޓީ ކައުންސިލްގެ ވަޒީފާއަށް ނަގާފައިވާ ކަމަށާއި ޖުމްލަ 400 އެއްހާ އެޕްލިކޭޝަން މާލެއަށް އެކަނިވެސް ލިބިފައިވާ ކަމަށެވެ. އަދި މަަސައްކަތް ކުރަން މިފެށުނީ 10 ޕިކަޕް ބޭނުންކޮށްގެން ކަމަށްވީ ނަމަވެސް އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި އަދި އިތުރު 10 ވެހިކަލް ހޯދަން ހިމަނާފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މާލެއާއި ވިލިމާލެ ސާފުކޮށް ކުނި ނެގުމުގެ މަަސައްކަތް ކުރިއަށްދާނީ ދެ ޝިފްޓަކަށް ބަހާލައިގެން ކަމަށާއި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 4:00 އާ ހަމައަށް ރަސްމީ ގަޑި އޮތަސް ހެނދުނު 6:00 އިން ފެށިގެން 12:00 ޖަހަންދެން ދެވަނަ ޝިފްޓް ވެސް ކުރިއަަށް ދާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.