ވެމްކޯ

މާލެ ސަރަހައްދުގައި ކުނި އުކާލާ ގަޑިތަކަށް ބަދަލު ގެންނަނީ

މާލެ ސަރަހައްދުގައި ޓްރެފިކް މައްސަލައަށް ލުޔެއް ގެނައުމަށްޓަކައި ކުނި އުކާލާ ގަޑިތަކަށް ބަދަލު ގެނައުމަށް ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މާލެފަހި ޕްރޮގްރާމުގެ ދަށުން ކުނި އުކާލަ ވަގުތު ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މި ބަދަލު ގެނައީ މާލެ ސަރަހައްދުގައި މަގުމަތީގެ ތޮއްޖެހުމުގެ މައްސަލަ ކުޑަކުރުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މާލޭގެ މަގުތަކުގައި ދުވާލުގެ ވަގުތުތަކުގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު އިތުރުވެފައިވާތީ ކުނި އުކާލުމުގެ މަސައްކަތް ރޭގަނޑުގެ ވަގުތަށް ބަދަލުކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމުގައިވެސް މިނިސްޓްރީން ބުންޏެވެ.

މި ބަދަލު ގެނައުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީއާއި، މާލެ ސިޓީ ކައުންސިލް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ފަދަ މުއައްސަސާތައް ބައިވެރިވާނެ އެވެ.

މާލެ ސަރަހައްދުގައި ކުނި ނެގުމުގެ މަސައްކަތް މިވަގުތު ވެމްކޯ އިން ކުރަނީ ހަވީރާއި، އިރުއޮއްސޭ ވަގުތު އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓްރެފިކް މައްސަލައަށް ލުއި ގެނައުމުގެ ގޮތުން ބޮޑެތި އުޅަނދުފަހަރުތައް މުދާ އުފުލާ ގަޑިތައް ވެސް ބަދަލުކުރުމަށް ނިންމާފަ އެވެ. އެގޮތުން އެ އުޅަނދުތަކަށް ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް މުދާ އުފުލޭ ގޮތަށް އުސޫލު ބަދަލުކުރަން ވަނީ ނިންމާފަ އެވެ.