ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީޕީއަށް ވެރިކަން ލިބޭނީ އަޅުގަނޑު ކުރިމަތި ލައިގެން: ރައީސް

އެމްޑީޕީން ބޭނުންވަނީ 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ކަމަށާއި އެކަން ކުރެވެން އޮތީ އެމްޑީޕީގެ ފަރާތުން އެމަނިކުފާނު ކުރިމަތިލައްވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ މީގެ ކުރިން ރައީސް ނަޝީދަށް ވެރިކަން ލިބިއްޖެނަމަ އުފާވާނެ ކަމަށާއި އެދުވަސް ދެކެން ބޭނުންވާ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައި ވަތީ އާއި ރައީސް ނަޝީދާއި އެކު ރައީސް ސޯލިހާއި ދެބޭފުޅުންވެސް އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވެ ވަޑައިގެންފައިވާތީ އެކަމާ ސުވާލު އުފައްދާފަ އެވެ.

ނޫސްވެރިޔާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަން ލިބެން އޮތީ އެމަނިކުފާނު އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައިގެން ކަމަށެވެ.

ރައީސް ވިދާޅުވީ އެއްވެސް ޕާޓިއަކަށް އެކަނި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެހެންކަމުން އެމްޑީޕީން ނިކުންނަ ކެންޑިޑޭޓަކީ ރިޔާސީ އިންތިހާބުގައި 50 އިންސައްތައަށްވުރެ ގިނައިން ހޯދޭނެ ކެންޑިޑޭޓަކަށް ވާން ޖެހޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ހިޔާލު ތަފާތުވާ ޕާޓިތަކާ މަޝްވަރާކޮށް ކޯލިޝަން ހަދައިގެން އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށެވެ.

"ސިޔާސީ ގޮތުން ހިޔާލު އެއްގޮތް ނޫން މީހުންނާ އެކުވެސް ކޯލިޝަން ހަދައިގެން ރިޔާސީ އިންތިހާބު 2023 ކާމިޔާބު ކުރެވޭނެ. އެ ފުރުސަތު އެހެން އޮތީމަ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ނިންމީ،" ރައީސް ވިދާޅުވި އެވެ.

ވެރިކަމަށް ހަތަރު އަހަރުވެފައިވާ އިރު މިހާތަނަށް ސަރުކާރުން ކޮށްފައިވާ ކަންކަން ރައްޔިތުން ބަލައިގަންނަ ކަމަށާއި ރައްޔިތުންގެ ތާއީދު ލިބޭނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދާ މެދު އޮތް ހިޔާލުތަފާތުވުމަކީ ކޮބައިތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ ރައީސް ނަޝީދަށް މިހާރު މައްސަލައަކަށް ވަނީ އެމަނިކުފާނު ރައީސްކަމުގައި ހުންނެވުމުން ކަމަށެވެ. ރައީސް ނަޝީދާ ހިޔާލުތަފާތުވާ ވަރަށް ގިނަ ސިޔާސީ މައްސަލަތައް ހުންނަ ކަމަށާއި ނަމަވެސް މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމުން އެ ނިންމާ ގޮތަކަށް އެމަނިކުފާނު ހުންނަވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

"ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، ވަރަށް ސާފުކޮށް ވިދާޅުވެފައިވަނީ ދެން ތިމަންނަ ބޭނުމެއް ނޫނޭ ރާއްޖޭގެ ވެރިކަމެއް. ރައީސުލްޖުމްހޫރިއްޔާ ކަމެއް. ތިމަންނަ ބޭނުންވަނީ ބޮޑު ވަޒީރުކަމޭ. ނަމަވެސް ވެރިކަމުގެ މިދައުރުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލު ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު ކުރިމަތިލައްވާފައިވަނީ ރައީސް ނަޝީދާއި ރައީސް ސޯލިހެވެ. ޕްރައިމަރީއަށް އަމާޒު ކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒު މިވަގުތު އޮތީ ޕްރައިމަރީ ކާމިޔާބު ކުރުމަށް ކަމަށެވެ.