އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކޯލިޝަނެއް ނުހެދޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި އެމަނިކުފާނުގެ ޕްރައިމަރީ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ސަލްޓަންޕާކްގައި ބޭއްވި ހާއްސަ ޖަލްސާއެއްގަ އެވެ.
ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބު ކުރެއްވުނީ އަދާލަތު ޕާޓީ، ޖުމުހޫރީ ޕާޓީގެ އިތުރުން ރައީސް މައުމޫނާ އެކު އެމްޑީޕީން ސޮއިކުރި ކޯލިޝަނުގެ ސަބަބުން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް ހެދުމުގެ ފުރުސަތު ރައީސް ސޯލިހަށް ނެތް ކަމުގައި ވިދާޅުވި އެވެ. ސަބަބެއް ކަމުގައި ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ޖެހުނުއިރު ކޯލިޝަނެއް ހަދަން އޭރު އެ ބޭފުޅުން އެއްބަސްވީ އޭރު އެނޫން ގޮތެއް ނެތުމުން ކަމުގަ އެވެ.
"މިއަދު ރައީސް ޔާމީން ފިޔަވާ ދެންތިބި ހުރިހާ ސިޔާސީ ލީޑަރުން ތިބީ މިނިވަނުންގެ ގޮތުގައި. 2018 ވަނަ އަހަރު އެ ބޭފުޅުން ކޯލިޝަނެއް ހެދީ އެ މިނިވަންކަން ނެތީމަ. އެހެންވީމަ މިއަދު ކޯލިޝަނެއްގެ ޗޮއިސްއެއް ނެތް" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބު ކުރެއްވުނީ ކޯލިޝަނެއް ހެދިގެން ކަމަށެވެ. އެހެންވެ އެއީ ރައީސް ސޯލިހަށް ސިޔާސީ ގޮތުން ލިބުނު ކާމިޔާބީއެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓީކެޓު ރައީސް ސޯލިހަށް ލިބިވަޑައިގެންފިނަމަ އެކަމެއް ވާނީ އެމަނިކުފާނު ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވާ ފުރަތަމަ ފަހަރަށް ކަމުގައިވެސް ވިދާޅުވި އެވެ.
"މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވާދަކުރައްވާނަމަ އެވާނީ އެމަނިކުފާނު އިންތިހާބުގައި ވާދަކުރައްވާ ފުރަތަމަ ފަހަރަށް. އަދި އެމަނިކުފާނަށް ލިބޭނެ ކަމަށް ލަފާކުރެވެނީ ވެސް އަލަށް ވާދަކުރާ ކެންޑިޑޭޓުންނަށް ލިބޭފަދަ ދަށް ވޯޓެއް. އެއީ އެންމެ 20 ޕަސެންޓް،" ރައީސް ސޯލިހަށް ނުސީދާކޮށް މަލާމާތް ކުރައްވަމުން ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ސޯލިހް ވާދަކުރައްވާނަމަ، އެމްޑީޕީއަށް ލިބޭނެ ވޯޓުގެ އިންސައްތަ މަދުވާނެ ކަމަށް ލަފާކުރެވުމަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް އެމަނިކުފާނު ނިންމެވި މައިގަނޑު އެއް ސަބަބު ކަމަށެވެ.
ރައީސް ސޯލިހަށް ޕްރައިމަރީގައި ވެސް އަދި ރިޔާސީ އިންތިހާބުގައިވެސް ކާމިޔާބު ލިބިވަޑައިނުގަންނަވާނެ ކަމަށް ދޭހަވާ ގޮތަށް ރައީސް ނަޝީދު ވާހަކަދެއްކެވި ނަމަވެސް ރައީސް ސޯލިހް މިއަދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.