ރައީސް މުހައްމަދު ނަޝީދު

މާލެ ސަރަހައްދުން ދޭން ބުނި ގޯތި ހުރީ ކަނޑު އަޑީގަ: ނަޝީދު

ރައީސް އިބްރާހީމް ސޯލިހުގެ ވެރިކަމުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާއިރު މި ސަރުކާރުން މާލޭ ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާ ގޯތިތައް އަދި ހުރީ ކަނޑު އަޑީގައި ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ޕްރައިމަރީ ކެމްޕޭން ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މާލެ ސަރަހައްދުން ބިން ހިއްކައިގެން ދޭން ނިންމާފައިވާ ގޯތީގެ އިތުރުން ގިނަ ރަށްތަކެއްގައި މިހާރު ހިއްކާފައި ހުރި ބިމުން ގޯތި ދޫކުރުމުގެ މަސައްކަތް ވެސް ރައީސް ސޯލިހުގެ ސަރުކާރުން އަދި ކޮށްފައި ނުވާ ކަމަށެވެ.

ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ ހަމަސް ދުވަހުގެ ތެރޭގައި ބިން ހިއްކާފައި ހުރި ރަށްތަކުން ރައްޔިތުންނަށް ގޯތި ދޫކުރުމަކީ މެނިފެސްޓޯގައި ހިމަނާފައި އޮތް ވައުދެއް ކަންވެސް ނަޝީދު ވަނީ ރައީސްއަށް ހަނދާންކޮށްދެއްވާފަ އެވެ. އަދި ހދ. ކުޅުދުއްފުށި، ޅ. ހިންނަވަރު، ބ. ތުޅާދޫގެ އިތުރުން ހއ. ދިއްދޫގައި ހިއްކާފައިވާ ބިންތަކުގެ ވާހަކަ ނަޝީދު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މި ގޯތިތަކުގެ ވާހަކަދެއްކީމަ ސަރުކާރުން ރިއެކްޓްއެއް ނުކުރެއްވި،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައި ނުދިނުމަކީ ރާއްޖޭގެ ރައްޔިތުންނާއި އެމްޑީޕީގެ މެމްބަރުން ވެސް ރައީސް ސޯލިހާ ދުރުވާން ޖެހުނު މައިގަނޑު އެއް ސަބަބު ކަމަށެވެ.

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން އިތުރުކުރުމަށްޓަކައި 5،000 ގޯތި ދޫކުރުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ. މިގޯތިތަކަށް ކުރިމަތިލުމަށް މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުވާލިއިރު، މާލެ ސަރަހައްދުން ގޯއްޗަށް އެދި 15،164 ފޯމު ހުށަހަޅާފައިވެ އެވެ.

މި ފޯމުތައް ދިރާސާކުރުމަށްފަހު ޝޯޓްލިސްޓް ކުރާ މީހުންގެ ތެރެއިން ގޯތި ލިބޭ މީހުން އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.

ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށްނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.

މި ގޯތިތަކުގެ ތެރެއިން 2،000 ގޯތި ގުޅިފަޅުން އަދި 1،000 ގޯތި ހުޅުމާލެ އިން ދޫކުރުމަށް ނިންމާފައިވާއިރު، ބާކީ 2،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިރާވަރު ފަޅުންނެވެ. ނަމަވެސް، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަދި ފަށާފައެއް ނުވެ އެވެ.