ރައީސް މުހައްމަދު ނަޝީދު

ކުރިމަތިލަނީ އިސްލާމީ ވެރިކަމެއް ކުރަން: ނަޝީދު

Dec 28, 2022
4

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މަސައްކަތް ކުރައްވަނީ އިސްލާމީ ވެރިކަމެއް ކުރެއްވުމުގެ ނިޔަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި އެމަނިކުފާނުގެ ޕްރައިމަރީ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ސަލްޓަންޕާކްގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ނަޝީދު ވަނީ މިރޭގެ ޖަލްސާގައި އެމަނިކުފާނު މީގެކުރިން ދުވަހަކުވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުވިދާޅު ނުވާ މިންވަރަށް ފާޑު ވިދާޅުވެ މަލާމާތްކުރައްވާފަ އެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްޓަކައި އެކުލަވާލި މެނިފެސްޓޯގައިވާ މުހިއްމު ގިނަ ކަންކަން "ނުވީ" ކަމަށާއި އެފަދަ އެއްވެސް ކަމަކަށް ރައީސް ސޯލިހް "ރިއެކްޓް" ވެސް ނުކުރެއްވި ކަމަށެވެ.

ރައީސް ސޯލިހް ރިއެކްޓް ނުކުރައްވާ ކަމަށް މަލާމާތް ކުރެއްވުމުގެ ގޮތުން ނަޝީދު ވިދާޅުވެފައި މިވަނީ އާންމު ދިރިއުޅުއްވުމުގައި ބޮޑެތި ކަންކަން ދިމާވުމުން ވަގުތުން އެކަމަކަށް ރައީސް ސޯލިހް އެއްޗެއް ވިދާޅުނުވެ އޮންނަވާނީ ކަމަށް ރައީސްގެ އަނބިކަނބަލުން މެޑަމް ފަޒުނާ ކުރީގެ އިންޓަވިއުއެއްގައި ވިދާޅުވެފައިވާތީ އެކަމަށް އިޝާރަތް ކުރައްވަ އެވެ.

ރައީސް ސޯލިހަށް ނުވި ކަންކަމުގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވީ ހިޔާނާތްތެރިންގެ މައްސަލަތައް ބަލައި ދައުލަތަށް އަނބުރާ އެ ފައިސާ ހޯދައިނުދެވުމާއި، ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުނުކުރެވުމާއި، ގޭދޮށު މަސް ފެކްޓަރީ ހަދައިނުދެވުމާއި، މަސްވެރިންނަށް ހަމަ އަގު ހޯދައިނުދެވުމާއި، ވެރިކަމަށް ވަޑައިގެން ހަމަސް ތެރޭގައި ގޯތި ދޫކުރަން ވިދާޅުވި ރަށްތަކުން ގޯތި ނުދޭ މައްސަލަ ހިމެނެ އެވެ.

ރައީސް ސޯލިހް ނުވި ކަންކަން ފާހަގަކުރެއްވުމަށްފަހު ރައީސް ނަޝީދު ދެން ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ކުރިމަތިލައްވާ މައިގަނޑު ސަބަބެވެ.

"އަޅުގަނޑު މިކުރިމަތިލަނީ ރާއްޖޭގައި އަނެއްކާވެސް އިސްލާމީ ވެރިކަމެއް ކުރުމުގެ ނިޔަތުގައި. އަޅުގަނޑުމެން ބޭނުންވާ ވެރިކަމެއް ގާއިމުކުރުމުގެ ނިޔަތުގައި." ނަޝީދު ވިދާޅުވި އެވެ.