ސޮނީ ޓީވީން ދައްކާ އެކްތާ ކަޕޫރުގެ މަޝްހޫރު ސީރީޒް "ބަޅޭ އައްޗޭ ލަގްތޭ ހޭ 2"ގައި ބަތަލުގެ ބައި ކުޅޭ ނަކުލް މެހެތާ އެ ޝޯ އަށް އަލްވަދާއު ކިޔައިފި އެވެ. ދާދިފަހުން ނަކުލް ދިން އިންޓަވިއު އެއްގައި އޭނާ ޝޯއާ ވަކިވިކަން ވަނީ ޔަގީން ކޮށްދީފަ އެވެ.
ނަކުލް، ޝޯ އާ ވަކިވާން ނިންމީ ޝޯގައި އޭނާއަށް އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ބުނެފައި ވެއެވެ. އަދި ޝޯ އިން ވަކިވި ނަމަވެސް ރާމް ކަޕޫރުގެ ކެރެކްޓާ މަތިން ވަރަށް ހަނދާން ވާނެ ކަމަށް ނަކުލް ބުންޏެވެ،
"މި ޝޯ އަކީ ކުރީގެ ވަރަށް ކާމިޔާބު ޝޯއެއްގެ ރިމޭކް އަކަށް ވާތީ ކުރީގެ ޝޯ ހާ މިފަހަރުގެ ޝޯ ރީތިވެދާނެކަމާ މެދު ގިނަ ބަޔަކު ޝައްކުކުރި. ނަމަވެސް މިފަހަރުގެ ޝޯ ފެށުމާއެކު ބެލުންތެރިންގެ ލޯބި ހޯދުމުގައި ކާމިޔާބުވެސްވި. ނަމަވެސް ސީރީޒްގެ މި ހިސާބަށް އައިއިރު އަހަރެންގެ ކެރެކްޓާ ފުރިހަމަކުރަން އިތުރަށް ކުރެވޭނެ އެއްވެސް ކަމެއް އޮތް ކަމަކަށް އަހަރެންނަކަށް ނުފެނޭ. އެހެންވެ ޝޯ އިން ވަކިވާން ނިންމީ،" ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ނަކުލް ބުންޏެވެ.
ނަކުލް ބުނި ގޮތުގައި "ބަޅޭ އައްޗޭ ލަގްތޭ ހޭ 2" އިން ވަކިވުމަށްޓަކައި ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް އޭނާ މިހާރު ފުރިހަމަ ކޮށްފި ކަމަށެވެ. އަދި ޝޯ އިން ވަކިވުމުގެ ވަގުތު އަތުވެއްޖެ އެވެ.
އުމުރުން 39 އަހަރުގެ އެކްޓަރު ބުނީ އޭނާ ބޭނުންނަމަ މި ޝޯ އިތުރަށް ކުރިއަށް ގެންދެވުނީސް ކަމަށާއި ނަމަވެސް މިހާރު ބޭނުންވަނީ އޭނާގެ ހުނަރަށް ޗެލެންޖް ކޮށްލެވޭ ކަހަލަ ރޯލެއް ކުޅެން ކަމަށެވެ.
"އަހަރެންނަކީ ކެތްތެރި އަދި ވަރަށް ކެރޭ މީހެއް. އަހަރެން ހިތްހަމަނުޖެހޭނަމަ ދިމާލަށް ބުނެލަން ކެރޭނެ. އެހެންވެ ޝޯއާ މެދު ހިތްހަމަނުޖެހުމުން އެކަން ޝޯ އުފައްދާ ފަރާތަށް އަންގައި ޝޯ އިން ވަކިވީ،" ނަކުލް ބުންޏެވެ.
ނަކުލް އިތުރަށް ބުނީ އޭނާ އަކީ އެހާ ގިނަ ޝޯތައް ކުޅޭ މީޙެއް ނޫން ކަމަށާއި އިތުރު ޝޯއެއްގައި ބައިވެރިވިޔަސް ބައިވެރިވާނީ ކުޑަ ދުވަސްކޮޅަކު ބްރޭކެއް ނެގުމަށް ފަހުގައި ކަމަށެވެ.
ނަކުލް އާއެކު "ބަޅޭ އައްޗޭ ލަގްތޭ ހޭ 2"ގައި ލީޑް ރޯލް އަދާކުރަނީ ދިޝާ ޕަރްމާރް އެވެ. މި ޝޯގެ ފުރަތަމަ ސީޒަންގައި ލީޑް ރޯލު ކުޅުނީ ރާމް ކަޕޫރާއި ސާކްޝީ ތާންވަރް އެވެ.
ނަކުލް ވަކިވުމުން އޭނާގެ ރޯލަށް ގެންނާނީ ކޮން އެކްޓަރެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.