ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ވިޔަފާރީގެ ކަމިޔާބީތަކުގެ މައްޗަށް ލިޔެފައިވާ ފޮތެއް މެލޭޝިއާގެ ކެލެންޓަން ޔުނިވާސިޓީގެ ދަރިވަރުން ކޭސް ސްޓަޑީއަކަށް ބޭނުންކުރަން ފަށައިފި އެވެ.
އުއްޗުގެ ވިޔަފާރީގެ ކާމިޔާބީތަކާއި ވިޔަފާރީގައި ބޭނުންކުރެއްވި އުސުލޫތައް ކޭސް ސްޓަޑީއެއްގެ ގޮތުގައި ބޭނުންކުރަނީ ކެލެންޓަން ޔުނިވާސިޓީގެ ގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންނެވެ.
"ދަ ސެރަންގް-ކްލެޑް އެންޓްރެޕްރެނިއާ ފްރޮމް މޯލްޑިވްސް: މުހައްމަދު މޫސާ"ގެ ނަން ދީފައިވާ މި ފޮތް ލިޔުއްވާފައިވަނީ ކެލެންޓަން ޔުނިވާސިޓީގެ ކަލްޓީ އޮފް އެންޓްރެޕްރެނިއާޝިޕް އެންޑް ބިޒްނަސްގެ ޑީން އަދި ވައިސް ޗާންސެލަރު ރަފީ ޔައުގޫބެވެ.
އޭނާ ވަނީ މިދިޔަ ހޯމަ ދުވަހު އޮތް އުއްޗުގެ އުފަންދުވަސް ފާހަގަކުރުމުގެ ހަފްލާގައި މި ފޮތް އުއްޗުއާ ހަވާލުކުރައްވާފަ އެވެ.
މި ފޮޮތުގައި އުއްޗުގެ ވިޔަފާރި ފެށިގެން އައި ގޮތާއި ކުރިއެރުން ހޯދަމުން ދިޔަ ގޮތް ތަފްސީލްކޮށް ލިޔުއްވާފައިވެ އެވެ. އެގޮތުން އުމުރުން އެންމެ ހަތް އަހަރުގައި މާލޭގެ ބާޒާރު މަތީގައި ދޮންކެޔޮ އަދި ބިލެތް ފަދަ ތަކެތި ވިއްކަން އުއްޗު އުޅުއްވި ގޮތްވެސް ފޮތުގައި ހިމަނުއްވާފައިވެ އެވެ.
ރާއްޖޭގެ އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި ހިމެނޭ އުއްޗުގެ ދިރިއުޅުން އާދައިގެ ގޮތަކަށް ސާދާކޮށް ކުރިއަށް ގެންދަވާ ގޮތްވެސް ތަފްސީލްކޮށްދެއްވާފައިވެ އެވެ. މި ފޮތް ލިޔުއްވުމަށްޓަކައި ދެފަހަރެއްގެ މަތިން ރަފީ ރާއްޖެ ވަޑައިގެން އުއްޗުއާ ބައްދަލުވެސް ކުރެއްވި އެވެ.
ރަފީ ޔައުގޫބު ވިދާޅުވީ މި ފޮތް ލިޔުއްވަމުން ގެންދެވިއިރު އުއްޗު އާއިލާއަށް ދެއްވާ އިސްކަން ވަރަށް ބޮޑަށް ފާހަގަކުރެވުނު ކަމަށެވެ. އަދި އުއްޗު އޭނަގެ މަސައްކަތުގައި ވަރަށް ގިނަ ވަގުތު ހޭދަކުރައްވާ ކަންވެސް ފާހަގަކުރެއްވި އެވެ.