ދުނިޔެ

އުތުރު ކޮރެއާގެ ބިރުދެއްކުންތަކަށް ބަދަލުހިފަން ތައްޔާރުވަނީ

އުތުރު ކޮރެއާގައި ނިއުކްލިއާ ހަތިޔާރު ހުއްޓެއް ކަމަކު އެ މީހުން ދައްކާހާ ބިރަކަށް ޖެހިލުންވެ ގައުމު ހިމާޔަތްކުރަން ނުކުންނަން ނުކެރި އަސްކަރިއްޔާ ނޯންނާނެ ކަމަށް ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ވިދާޅުވެއްޖެ އެވެ.

އަސްކަރީ ޑްރޯންތަކުންނާއި މިސައިލްތަކުން އުތުރު ކޮރެއާއިން ޖެއްސުންކުރަމުން ގެންދާ ގެންދިއުމަށް އޮތް ނިމުމަކީ ދެކުނުން ވެސް މައްސަލަގަނޑުގެ ތެރެއަށް އަސްކަރީ ގޮތުން ވަނުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ތައްޔާރީ ހާލަތުގައި އަސްކަރިއްޔާ އޮތުމަށްވެސް ރައީސް ޔޫން ސުކް ޔޯލް ވަނީ ގޮވާލައްވާފަ އެވެ.

ނޭޝަނަލް ސެކިއުރިޓީ އޮފިސަރުންނާ ބައްދަލުކުރައްވައި ޔޫން ވިދާޅުވި ގޮތުގައި އުތުރު ކޮރެއާގެ ޑްރޯނެއް ދެން ފަހަރަކު ދެކުުނު ކޮރެއާގެ ވައިގެ ސަރަހައްދަށް ވަދެއްޖެނަމަ ބަދަލުހިފުމަށް ތައްޔާރަށް އޮތުމަށް އަސްކަރިއްޔާއަށް ދަންނަވާފައި ވާނެ ކަމަށެވެ.

އޭނާގެ ކެބިނެޓާ ބައްދަލުކުރައްވައި ޔޫން ވަނީ އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތް އޮޅުންފިލުއްވައި އަމަލުކުރައްވާނެ ގޮތުގެ ތަސައްވުރެއް ކަރުދާހަށް ތިލަކުރައްވާފަ އެވެ.

އުތުރު ކޮރެއާ ބުނާ ގޮތުން ދުޝްމަނުން [އެމެރިކާ] އާ ގުޅިގެން ދެކުނު ކޮރެއާއިން އަސްކަރީ ފަރިތަކުރުންތައް ކުރިއަށް ގެންދާނަމަ މިސައިލް ޓެސްޓްކުރުން ހުއްޓައި ނުލާނެ ކަމަށެވެ. އަދި އުތުރު ކޮރެއާ އަކީ ވެސް ނިއުކްލިއާ ގައުމެއްކަން ދުނިޔެއަށް ދައްކުވާނެ ކަމަށެވެ.

ޖަޕާން ކަނޑަށްވާ ގޮތަށް އުތުރު ކޮރެއާއިން މިފަހަކުން ޓެސްޓްކުރި މިސައިލްތައް ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފަ އެވެ. އަދި ދެކުނު ކޮރެއާއިން ޖާސޫސް ކުރުމަށް -- އަސްކަރީ ސެޓެލައިޓްތައް އުތުރުން ޓެސްޓް ކުރުންވެސް ވެފައި އޮތީ މަސްރަހު ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ މައްސަލައަކަށެވެ.