މާލޭގެ ގޭބިސީތަކުން ރެއިން ފެށިގެން މަގުމައްޗަށް ނެރެ ބަހައްޓާފައި ހުރި ކުނި ކޮތަޅުތައް ވެމްކޯއިން ނުނަގާތީ، ވެމްކޯގެ ޒިންމާދާރުކަމާ މެދު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒް ސުވާލު އުފައްދަވައިފި އެވެ.
ވެމްކޯގެ އަމަލުތަކާ މެދު ކަންބޮޑުވެވަޑައިގެން މުއިއްޒު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ގޭގެއިން ނެރެ ބަހައްޓާ ކުނި ގެންދިއުމަކީ ވެމްކޯގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް ވެމްކޯއިން ރޭ ގަސްދުގައި އެ ކުނި ނުނަގާކަން މޭޔަރު ފާހަގަކުރެއްވި އެވެ.
މާލޭގެ މަގުތަކުގައި ކުނި ކޮތަޅުތައް ގިނަވެ ރެއިން ފެށިގެން ފުނިޖެހިފައިވާއިރު، ކައުންސިލުން މިއަދު އެކަނިވެސް 10 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެ ކުނީގެ 10 ޓަނު މިހާރު ކައުންސިލުން ނަގައިފިން. އެ ކުނި ވެމްކޯގެ ސައިޓަށް ގެންގޮސް ވެއްދޭނީ ވެސް ވެމްކޯގެ ގޭޓަށް ފައިސާ ދައްކާފައި،" މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތަކުގައި އުފެދޭ ކުނި ނެގުމަށް ވެމްކޯ އާއި އެކު މާލެ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުން އާނުކުރުމަށް ސިޓީ ކައުންސިލުން ނިންމުމާއިއެކު، ވެމްކޯއިން އަމަލުކުރާނެ ކަމަށް ކުރިންވެސް އެކްސްޕެކްޓް (ލަފާ) ކުރި ގޮތަށް އެ ކުންފުނިން ރޭ އެވަނީ އަމަލުކޮށްފައި ކަމަށެވެ. ވެމްކޯގެ މި އަމަލަކީ "ފިނޑި" އަދި "ޒިންމާދާރުކަން ކުޑަ އަމަލެއް" ކަން މުއިއްޒު ފާހަގަކުރެއްވި އެވެ.
ޑރ. މުއިޒް އިތުރަށް ވިދާޅުވީ މާލެ ތެރެ ސާފުކޮށް ރީތި ތަނަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް މާލެ ސިޓީ ކައުންސިލުން ކުރާނެ ކަމަށެވެ.
"މާލެ ތެރެ ސާފުކޮށް ބާއްވަން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރާނަން. ހުރިހާ ފަރާތްތަކުން ވެސް މިކަމުގައި ކައުންސިލަށް އެއްބާރުލުން ދިނުމަކީ ކައުންސިލްގެ އިލްތިމާސް،" މުއިއްޒު ވިދާޅުވި އެވެ.
މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތަކުގައި އުފެދޭ ކުނި، ސިޓީ ކައުންސިލުން ނަގަން ނިންމި ނަމަވެސް ގޭބިސީތަކުން އުކާލުމަށް މަގުމައްޗަށް ނެރޭ ކުނި އުކާލުމަކީ އަދިވެސް ވެމްކޯގެ ޒިންމާ އެކެވެ.
މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތަކުގައި އުފެދޭ ކުނި ނެގުމަށް ވެމްކޯ އާއި އެކު މާލެ ސިޓީ ކައުންސިލުން ހަދާފައި އޮތް އެއްބަސްވުން މިދިޔަ ހޯމަ ދުވަހަށް ހަމަވިއިރު، މި އެއްބަސްވުން އާ ނުކުރަން ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.
މާލެ ސިޓީ ކައުންސިލުން މާލެ ސާފުކުރުުގެ ޒިންމާއާ ހަވާލުވުމާއިއެކި، މާލެ އަދި ވިލިމާލޭގެ މަގުތަކާއި ގޯޅިތައް، ޕާކުތައް އަދި މައިޒާންތަކާއި މާލޭގެ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓް ސާފުކުރުމުގެ ހުރިހާ މަސައްކަތްތަކެއް ކުރާނީ މާލެ ސިޓީ ކައުންސިލުންނެވެ.
މާލެސިޓީ ކައުންސިލުން ވަނީ މިކަމަށް މުވައްޒަފުންތަކެއް ހޯދަން އިއުލާންވެސް ކޮށްފަ އެވެ. ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަން ފެށުމުން އެ މަސައްކަތް ރަނގަޅަށް މޮނީޓާ ކުރެވިގެންދާނެ ކަމަށް ކައުންސިލުން ގަބޫލުކުރާ ކަމުގައި ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.