ވެމްކޯ އޮފީހުގެ ދޮރުމައްޗަށް ސިޓީ ކައުންސިލްގެ ކުނި ލޮރީން ކުނިތައް އަޅާލި މައްސަލައިގައި ސިޓީ ކައުންސިލުން މައާފަށް އެދިއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ ވެމްކޯ ދޮރުމައްޗަށް ކުނި ލޮރީ އަޅާލީ މައުލޫމާތު ބަދަލުކުރުމުގައި ދިމާވި މައްސަލައަކުން ކަމަށެވެ.
މާލެ ތެރޭގައި ހުރި ކުނިތައް ސިޓީ ކައުންސިލްގެ މުވައްޒަފުން ނިކުމެ ނަގައިފައިވަނީ މިއަދު ވަރަށް ގިނަ މީހުންގެ ޝަކުވާ ލިބިގެން ކަމަށް ނަރީޝް ވިދާޅުވި އެވެ. އިއްޔެ އިން ފެށިގެން ގެތަކަށް ވަދެ ކުނި ނަގަން ނިންމި ނިންމުމާއި ގުޅިގެން ވެމްކޯއިން ހުރީ މަގުތަކުގައި ހުރި ކުނިތައް ނުނަގައި ކަމަށެވެ.
ސިޓީ ކައުންސިލުން މިއަދު ނޫސްވެރިންނާ ބައްދަލުކޮށްފައި ވަނީ ސިޓީ ކައުންސިލުގެ ކުނި ލޮރީގައި ހުރި ކުނިތައް ވެމްކޯ އޮފީސް ދޮރުމައްޗަށް އަޅާލި މަންޒަރުގެ ވީޑިއޯއެއް އާންމުވުމާއި ގުޅިގެންނެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ ކުނި ލޮރީ ހިފައިގެން ދިޔަ ވަގުތު ވެމްކޯ މުވައްޒަފުންނާއި ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރި ކަމަށެވެ. ކައުންސިލްގެ ވެހިކަލް އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ވެސް ނޯންނަ ކަމަށް ވިދާޅުވި އެވެ.
ނަރީޝް ވިދާޅުވީ އެކަން ހިނގައި ދިޔައީ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ފަރާތުން ކަމަށާއި އެއީ ނާތަހުޒީބު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަމަށް ކައުންސިލްގެ ފަރާތުން މައާފަށް އެދޭ ކަމަށެވެ. އެ ހާދިސާ ހިނގުމާއި ގުޅިގެން ވަގުތުން އެ ކުނިތައް ނަގަން އެންގި ކަމަށާއި މިހާރު ސިޓީ ކައުންސިލްގެ މުވައްޒަފުން އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލެއިން ކުނި ނެގުމުގެ ޒިންމާ ވެމްކޯއާ ހަވާލުކޮށްފައިވާތީ މަގުމަތީގައި ބަހައްޓާފައި ހުންނަ ކުނިތައް ނެގުމަކީ ވެސް ވެމްކޯގެ ޒިންމާއެއް ކަމަށް ނަރީޝް ވިދާޅުވި އެވެ. އެގޮތަށް ވެމްކޯ އިން އަމަލުނުކޮށްފިނަމަ އެގްރިމެންޓާ ހިލާފުވާނެ ކަމަށެވެ.
"ގޭބިސީތައް ރަޖިސްޓާކޮށްގެން ކުނި ނެގުމަކީ އެމީހުންނާ ގޭބިސީތަކާ ދެމެދު އޮންނަ ކަމެއް. އަޅުގަނޑުމެން މި ދަންނަވަނީ މާލެ މަގުމައްޗަށް ނެރޭ ކުނިތައް ވެމްކޯއިން ނަގަންވާނެއޭ. ސަބަބަކީ އެގޮތަށް އަޅުގަނޑުމެންނާ ދެމެދު ހެދިފައިވާ އެއްބަސްވުމުގައި އޮތީމަ. މާލޭގެ މަގުތައް ސާފުތާހިރުކޮށް ބޭއްވުމަކީ އެބޭފުޅުންގެ ޒިންމާއެއް. އެ ޒިންމާގެ ދަށުން އެކަން ކުރަންވާނެ،" ނަރީޝް ވިދާޅުވި އެވެ.
ގެތަކުން ކުނި ނަގަން އެންގުމުން ވެމްކޯގައި ރަޖިސްޓާވާ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ނަރީޝް ވިދާޅުވި އެވެ. އަދި ފައިސާ ނުދައްކާ ހުރި ގޭބިސީތަކުން އެއްވަގުތެއްގައި ހުރިހާ ޕޭމެންޓެއް ދައްކަމުން އަންނަ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.
މާލޭގެ އިތުރުން ވިލިމާލޭގެ މަގުތަކުގައި ހުރި ކުނިތައްވެސް ސިޓީ ކައުންސިލުން އަންނަނީ ނަގަމުންނެވެ. ނަރީޝް ވިދާޅުވީ މާލެތެރެ ސާފުތާހިރުކޮށް ބޭއްވުމަށް ސިޓީ ކައުންސިލަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.