ޕީޕީއެމް

ހުކުރު ދުވަހުގެ މުޒާހަރާއަށް ފުލުހުން ހުއްދަ ދީފި: ޕީޕީއެމް

ޕީޕީއެމުން ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާ މޮނީޓާކޮށް ސެކިއުރިޓީ ކަންކަން ބަލަހައްޓާ ދޭނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

އިސްކަންދަރުކޮށީގައި ފުލުހުންނާއެކު ޕީޕީއެމްގެ އިސް ބޭފުޅުން މިއަދު ބޭއްވި ބައްދަލުވުމަކަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ހުކުރު ދުވަހުގެ މުޒާހަރާ ފުލުހުން ދައްކާ ރޫޓަކުން ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށާއި މުޒާހަރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

"މިއޮތީ މިކަން ވަރަށް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި. މިކަމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ޝުޖާއު ވިދާޅުވި އެވެ.

މީގެ އިތުރުން ކޮންމެ ރެއަކު މާލޭގައި ޕީޕީއެމުން ކުރިއަށް ގެންދާ އިހުތިޖާޖުގައި ހާލަތާއި ނުބައްދަލު ބާރުގެ ފުލުހުން ބޭނުން ކުރަމުންދާ ކަމާއި ފުލުހުން ބޮޑީ ކެމް ބޭނުން ނުކުރާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނައި ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އޭގެ އިތުރުން ބައެއް ފުލުހުން ނަން ޓެގު ނައްޓާލައިގެން އުޅޭކަންވެސް ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.

"އެބޭފުޅުން ވިދާޅުވި އެކަހަލަ ކަންކަން އިސްލާހު ކޮށްދެއްވާނެ ކަމަށް،" ޝުޖާއު ވިދާޅުވި އެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް ކުރުމުން އިދިކޮޅު ފަރާތްތަކުން ދަނީ އާދިއްތަ ދުވަހުގެ ރެ އިން ފެށިގެން ކޮންމެ ރެޔަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ.