މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހެއްގެ އަތުގައި ދަތް އެޅުމުން ނުހާގެ ބަންދަށް ފަސް ދުވަސް

ޕީޕީއެމްގެ މުޒާހަރާއެއްގައި ފުލުހެއްގެ އަތުގައި ދަތް އެޅި އަންހެނަކު ފަސް ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި ކ. މާލެ، މއ. ރޭޓް، އާއިޝަތު ނުހާ އިބްރާހީމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އިއްޔެ އެވެ.

ނުހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރަމުން ދިޔަ ވަގުތު ފުލުހެއްގެ އަތުގައި ދަތް އަޅާފައިވާކަން ދެ ފުލުހެއްގެ ބަޔާނުން އެނގޭ ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވެ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން ނުހާ ބަންދުގައި ބަހައްޓަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށެވެ.

އޭނާއަށް ތުހުމަތުކުރެވޭ ކުށްތަކުގެ ތެރޭގައި މާރާމާރީ ހިންގުމާއި ފުލުހެއްގެ ދައުރު އަދާކުރުމަށް ހުރަސް އެޅުން ހިމެނެ އެވެ.

ނުހާއަކީ މީގެ ކުރިންވެސް ހައްޔަރުކޮށްފައިވާ މީހެއްކަން ކޯޓު އަމުރުގައި ވަނީ ފާހަގަކޮށްފަ އެވެ.