ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ހއ. އިހަވަންދޫއަށް ވަޑައިގެންފި އެވެ.
އިހަވަންދޫ އަށް ރައީސް ނަޝީދު ވަޑައިގަތުމުން އެރަށުގައި ހަރަކާތްތެރިވާ އެމްޑީޕީގެ މެންބަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ނަޝީދުގެ މިދަތުރުފުޅުގައި ވަނީ އިހަވަންދޫގައި އުޅޭ އެމްޑީޕީގެ މެންބަރުންނާ އެކު އާންމު ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ.
މިބައްދަލުުވުމުގައި އެމަނިކުފާނު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވި ސަބަބުތައް ޕާޓީގެ މެންބަރުންނަށް ވިދާޅުވެ ދެއްވާފަ އެވެ. އަދި އެމަނިކުފާނަށް ޕްރައިމަރީގައި ކާމިޔާބު ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
ރައީސް ނަޝީދު ވަނީ އިހަވަންދޫގެ ބައެއް ގޭގަށް ދޮރުންދޮރަށް ވެސް ހިންގަވާފަ އެވެ.
ކެމްޕޭންގައި ރައީސް ނަޝީދު އުތުރަށް ކުރައްވާ ދަތުުރުފުޅު މިއަދު ފެއްޓެވީ ހއ. ހޯރަފުށިންނެވެ.
ރައީސް ނަޝީދު ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކުގެ މައުލޫމާތު އެމަނިކުފާނުގެ ކެމްޕޭން ޓީމުން ހާމައެއް ނުކުރެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވަން ޖެހިވަޑައިގަންނަވާނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ އެވެ.
އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް އެ ޕާޓީން ނިންމާފައިވަނީ ކުރިއަށް އޮތް ޖެނުއަރީ 28 ވަނަ ދުވަހު އެވެ.