އެކްސްޕޯޓް ކޮންޓެއިނާ ޓްރާންސްފާ ކުރުމަށް ނަގާ އަގު ޖެނުއަރީ އެކަކުން ފެށިގެން ކުޑަ ކުރާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
އެމްޕީއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ބަދަލަކީ ރާއްޖޭން މުދާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ވާދަވެރި އަގު ތަކެއްގައި ބައިނަލްއަގްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކުމަށް ފަސޭހަކޮށްދީ ރާއްޖޭގެ އެކްސްޕޯޓް ވިޔަފާރި ކުރިއެރުވުމުގެ މަގުސަދުގައި ގެނައި ބަދަލެއް ކަމުގައެވެ.
މި ބަދަލާއެކު އެމްޕީއެލް އިން މިހާރު ނަގަމުންދާ އެކްސްޕޯޓް ކޮންޓެއިނާ ޓްރާންސްފާ އަގުތައް ގާތްގަނޑަކަށް 75 ޕަސެންޓް ދަށްވާނެ ކަމަށް އެކުންފުނިން ބުނެ އެވެ.
މުދާ އެކްސްޕޯޓް ކުރާ ފަރާތްތަކާއެކު އެމްޕީއެލް އިން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްޕީއެލްގެ އަމާޒަކީ އެކްސްޕޯޓު ވިޔަފާރީ ހިންގާ ފަރާތްތަކަށް ފަސޭހަކޮށްދިނުން ކަމަށެވެ.
"މާލޭ ކޮމާޝާލް ހާބަރުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމާ އެކު ދިމާވެފައިވާ ގޮންޖެހުންތަކާ އެކުވެސް އެކްސްޕޯޓަރުންނަށް ދިމާވެފައިވާ ދަތައިތައް ހައްލުކުރުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" ޝާހިދު ވިދާޅުވި އެވެ.
އަގުތަކަށް މިގެނައި ބަދަލަކީ އެކްސްޕޯޓު ކުރާ ފަރާތްތަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަަށް ބައްދަލުވުމުގައި ބައިވެރިވި އެކްސްޕޯޓަރުން ވަނީ ބުނެފަ އެވެ.