ފިނިޕޭޖް

ބޮބް މާލީގެ ކާފަދަރި ޖޯ މަރުވެއްޖެ

ޖެމެއިކާގެ ރެގޭ ލަވަކިޔުންތެރިޔާ ބޮބް މާލީގެ ކާފަ ދަރިފުޅު ޖޯސެފް "ޖޯ މަސާ" މާލީ އުމުރުން 31 އަހަރުގައި މަރުވެއްޖެ އެވެ.

ޖޯ މަރުވެފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށް އާއިލާ އިން ބުނެ އެވެ.

ރޯލިން ސްޓޯންއިން ބުނާ ގޮތުގައި ޖޯ މަސާގެ ރެޕްރެޒެންޓެޓިވްއެއް ވަނީ އޭނާގެ މަރު ކަށަވަރުކޮށްދީފަ އެވެ.

ޖޯގެ މަރުގެ ވާހަކަ އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ޓްވީޓަކުން ޖާނަލިސްޓް އަބްކާ ފިޓްޒް-ހެންލީ އެވެ.

ޖޯ މަރުވެފައިވަނިކޮށް ފެނިފައިވަނީ އޭނާގެ ކާރުތެރެއިންނެވެ. އެހެންނަމަވެސް އޭނާގެ މަރުގެ ސަބަބު އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޖޯ އަކީ ބޮބް މާލީގެ 11 ދަރިންގެ ތެރެއިން ސްޓީވަން މާލީގެ ދަރިއެކެވެ. ޖޯ ކުޑަ އިރުއްސުރެއް ލަވަލިޔަން ފަށައި، 2010 ގައި އޭނާގެ ކަޒިން ޑެނިއަލް ބޮމްބާޓާ މާލީއާއެކު "މައި ގާލް" ރިލީޒްކުރި އެވެ. އަދި 2014 ގައި ސޯލޯ ކެރިއަރު ފަށައި އެކްސްޓެންޑެޑް ޕްލޭގެ "ކޮމްފޮޓަބަލް" ނެރުނެވެ. ޖޯ އެންމެ ފަހުން ނެރެފައިވަނީ މިދިޔަ އަހަރު ނެރުނު "އިޓާނަލް" އެވެ.

ޖޯގެ މަރާ ގުޅިގެން ޖެމެއިކާގެ ބޮޑުވަޒީރާއި ސިޔާސީ ބޭފުޅުންގެ އިތުރުން ޝެގީފަދަ މިއުޒިކް ދާއިރާގެ ފަންނާނުން ހިތާމަފާޅުކޮށްފައިވެ އެވެ.