އިންޑިއާގައި މިހާރު އެންމެ މަޝްހޫރު ފިރިހެން ލަވަކިޔުންތެރިޔާ އަރިޖީތު ސިންގް އަށް ވަރަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިތާ މާގިނަ ދުވަހެއް ނުވެ އިންޑިއާގެ އަހުމަދުއާބާދުގައި ބޭއްވި އޭނާގެ ކޮންސެޓެއް ބަލަން ދިޔަ ގިނަ ބަޔަކު ޒަޚަމްވެ އިތުރު ފާޑުކިޔުންތައް ކުރިމަތިވެއްޖެ އެވެ.
އަރިޖީތު އަށް ފުރަތަމަ މީހުން ފާޑުކިޔަން ފެށީ އޭނާ ޝޯއެއް ކުޅެދޭ އަގު 16 ލައްކަ ރުޕީސް އަށް ބޮޑުކުރީމަ އެވެ.
މި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އަރިޖީތުގެ މެނޭޖްމަންޓް ޓީމުން އިންތިޒާމުކުރި އޭނާގެ ޝޯއެއް އެކަށީގެންނުވާ ތަނެއްގައި ނުބޭއްވުމުގެ ސަބަބުން ޝޯ ބަލަން ދިޔަ ގިނަ ބަޔަކު ޒަޚަމްވެ އިތުރު ފާޑުކިޔުންތަކާ ކުރިމަތިވީ އެވެ.
މާ ކުޑަކުޑަ ތަނެއްގައި ޝޯ ބާއްވައި ގިނަ އަދަދެއްގެ ބަޔަކު އެތަނަށް ވެއްދުމުން މީހުންތައް ފިތި، ހާސްވެ ވަރަށް ބޮޑު މައްސަލައަކަށް ވީނަމަވެސް އަރިޖީތުގެ މެނޭޖްމަންޓް ޓީމުން މި ވާހަކަ ދޮގު ކުރެ އެވެ.
ނަމަވެސް ޓުވިޓާގައި މި ވާހަކަ ޝެއާކުރި ބައެއް މީހުން ބުނީ ކޮންސެޓް ބާއްވާފައި އޮތް ތަނަކީ ވަށައިގެން ކޮންސްޓްރަކްޝަން ސައިޓްތަކެއް އޮތް ތަނަކަށް ވުމުން މުޅި ތަން ފުރި ބާރުވެ ގިނަ ބަޔަކަށް އަނިޔާ ލިބުނު ކަމަށެވެ.
ފޭނަކު ކުރި ޓުވީޓެއްގައި ބުނި ގޮތުގައި ޝޯ ބޭއްވުމުގެ ސަބަބުން މީހުންތައް ފިތި ވަރަށް ގިނަ މައްސަލަތައް ދިމާވި ކަމަށެވެ.
އަގުބޮޑުކޮށް ޓިކެޓް ވިއްކި ކަމުގެ ޝަކުވާ ގިނަ ފޭނުން ކޮށްފައި އޮއްވާ ކޮންސެޓްގެ އިންތިޒާމުތައް ފީކަޅާވެ މީހުންނަށް އަނިޔާވުމުން ވަރަށް ގިނަ ބަޔަކު މިހާރު ތިބީ ރުޅިއައިސްފަ އެވެ.
"އަހަރެން ވެސް ރޭގައި ޝޯ ބަލަން ދިޔައިން. އިންތިޒާމްތައް ހަމަ ސުމެއް. ކޮންސެޓް ބަލަން 8000 ވަރަކަށް މީހުން ވަދެ ތިބިއިރު އެ އެންމެން ވަދެ ނިކުމެ ވާން ހުރީ އެންމެ ގޭޓެއް. ނަސީބަކުން މީހެއްގެ ފުރާނައަށް ގެއްލުމެއް ނުވިޔަސް އިންތިޒާމުތައް ވަރަށް ސަކަރާތް،" ޝޯ ބަލަން ދިޔަ މީހަކު ކުރި ޓުވީޓެއްގައި ލިޔެފައި ވެއެވެ.
ޝޯގެ އިންތިޒާމުތަކާއި ޓިކެޓް އަގުބޮޑުކަމުން ފޭނުންގެ ޝަކުވާތައް ގިނަ ވިޔަސް އަރިޖީތު ވަނީ އޭނާގެ ޕާފޯމަންސުން ފޭނުންގެ ހިތްތައް އަތުލާފަ އެވެ. އޭނާގެ ޝޯ އޮތީ ގުޖްރާތުގައި ކަމުން ގުޖްރާތު ފޭނުން ހިތްހަމަޖެހޭ ފަދަ ގުޖްރާތީ ލަވަތައް އޭނާ ކިޔެވެ. އެހެންވެ ފޭނުންގެ އެއްވެސް ޝަކުވާއެއް އަރިޖީތު އަކަށް ނެތެވެ.