ކުޅިވަރު

ފުޓްބޯޅަ ލެޖެންޑް ޕެލޭ ކެންސަރު ބަލީގައި މަރުވެއްޖެ

ގިނަ ބައެއްގެ ނަޒަރުގައި ދުނިޔޭގެ ފުޓްބޯޅަ ތާރިހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ބްރެޒިލްގެ ޕެލޭ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 82 އަހަރުގައި ރޭ މަރުވެއްޖެ އެވެ.

1956 އިން 1977 އަށް ސީނިއާ ލެވެލްގައި 21 އަހަރު ފުޓްބޯޅަ ކުޅުނު ޕެލޭ އަކީ ރެކޯޑް އަދަދަކަށް ގޯލު ޖެހި ކުޅުންތެރިއެކެވެ. އޮފިޝަލް 1363 މެޗުގައި ޕެލޭ ވަނީ 1281 ގޯލު ޖަހައިފަ އެވެ. އޭގެތެރޭގައި ބްރެޒިލް ޓީމަށް ކުޅުނު 92 މެޗުގައި ޖެހި 77 ގޯލު ހިމެނެ އެވެ.

ފުޓްބޯޅައިގެ ކާމިޔާބީ އަށް ބަލާއިރު ޕެލޭ އަކީ ފީފާ ވޯލްޑް ކަޕްގެ ތިން މުބާރާތް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާ އެވެ. ބްރެޒިލާ އެކު ޕެލޭ ވަނީ 1958، 1962 އަދި 1970 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. ޕެލޭގެ އާދަޔާހިލާފު ހުނަރާއި މޮޅު ކުޅުމާ އެކު 2000 ވަނަ އަހަރު ފީފާ އިން ހޮވި ގަރުނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ.

ކިޑްނީ އާއި ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން އުފެދި އެކަމަށް ޕެލޭ ދިޔައީ މިދިޔަ އަހަރުތަކުގައި ފަރުވާކުރަމުންނެވެ. އޭގެފަހުން 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޕެލޭގެ ބޮޑު ގޮހޮރުން ޓިއުމަރެއް ވަނީ ނަގާފަ އެވެ. މަރުވިއިރު ޕެލޭ ދިޔައީ ބޮޑު ގޮހޮރުގެ ކެންސަރަށް ފަރުވާ ކުރަމުންނެވެ.

ބަލި ހާލަތު ގޯސްވުމުން ބްރެޒިލްގެ ސައޮ ޕައޮލޯގައި ހުންނަ އަލްބާޓް އެއިންޓިން ހޮސްޕިޓަލުގައި ޕެލޭ އެނދުމަތިކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. އޭރު ޕެލޭ ބުނީ އޭނާ ހޮސްޕިޓަލަށް ޒިޔާރަތްކުރީ އާއްމު އުސޫލުން ކޮންމެ މަހަކު ހަދާ ޗެކަޕަށް ކަމަށެވެ. އެކަމަކު ހާލަތު ގޯސްވުމުން އެ ހޮސްޕިޓަލުގައި ޕެލޭ އެނދުމަތިކޮށްގެން ފަރުވާކުރަން ފެށި އެވެ.

ޕެލޭގެ ކެންސަރުގެ ފަރުވާ އަށް ހައްލެއް ނުލިބި ދުވަހުން ދުވަހަށް ދިޔައީ ގޯސްވަމުންނެވެ. ޕެލޭގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އާއިލާ މެމްބަރުން ވަނީ ހޮސްޕިޓަލަށް ޒިޔާރަތް ވެސް ކޮށްފަ އެވެ.

ރާއްޖެ ގަޑިން ރޭ މެންދަމު ޕެލޭ މަރުވިކަން ޔަގީންކޮށްދިނީ ހޮސްޕިޓަލުން ނެރުނު ސްޓޭޓްމަންޓެއްގަ އެވެ. ހޮސްޕިޓަލުން ބުނީ ޕެލޭ މަރުވީ ބޮޑު ގޮހޮރުގެ ކެންސަރު ބަލި ބޮޑުވެ ބައެއް ގުނަވަންތައް ފެއިލްވުމުން ކަމަށެވެ.

ކްލަބް ކެރިއަރު ޕެލޭ ފެށީ އުމުރުން 15 އަހަރުގައި ބްރެޒިލްގެ ކްލަބް ކޮރިންތިއަންސް އިންނެވެ. ޕެލޭގެ ކުޅުން މުޅި ދުނިޔެ އަށް ފެނުނީ އުމުރުން 17 އަހަރުގައި 1958 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ޓީމުގައި ދެއްކި މޮޅު ކުޅުމުންނެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވޭލްސް ބަލިކުރި މެޗުގެ ހަމައެކަނި ގޯލު ޖެހީ ޕެލޭ އެވެ. އޭގެފަހުން ސެމީ ފައިނަލުގައި ފްރާންސް ކޮޅަށް ޕެލޭ ހެޓްރިކް ހެދި އެވެ. އެފަހަރުގެ ފައިނަލުގައި ބްރެޒިލް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޕެލޭ ޖެހި ދެ ލަނޑުންނެވެ.

އުމުރުން 21 އަހަރުގައި ޕެލޭ ކުޅުނު ދެވަނަ ވޯލްޑް ކަޕް ވެސް ކާމިޔާބުކުރި އެވެ. 1962 ވަނަ އަހަރު އޮތް އެފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މެކްސިކޯ ކޮޅަށް ދެ ލަނޑު ޖެހިއިރު، އޭގެފަހުން އަނިޔާގެ ސަބަބުން ބައެއް މެޗުތަކުގައި ނުކުޅެވުނެވެ.

1970 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ބްރެޒިލުން އިޓަލީ 1-4 އިން ބަލިކުރި މެޗުގައި ޕެލޭ ވަނީ ގޯލު ޖަހައިފަ އެވެ.

ޕެލޭގެ މަރާ ގުޅިގެން މުޅި ދުނިޔެ ދަނީ ހިތާމަފާޅު ކުރަމުންނެވެ. އަދި ޕެލޭގެ މަރާ ގުޅިގެން ހިތާމަފާޅުކޮށް ކުޅިވަރުގެ އެކި ފަންތީގެ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަމުންނެވެ.