ކުޅިވަރު

ޕެލޭގެ މަރު: ކުޅިވަރު ތަރިންނަށް ހިތްދަތި އިހުސާސެއް

ދުނިޔޭގެ ފުޓްބޯޅަ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، ޕެލޭ ރޭ މަރުވުމާ އެކު އޭނާ އަށް ކުޅިވަރު އާއިލާ އިން ތައުޒިއާ އަދާކުރަން ފަށައިފި އެވެ.

ބޮޑު ގޮހޮރުގެ ކެންސަރަށް ފަރުވާކުރަމުން ދަނިކޮށް އުމުރުން 82 އަހަރުގައި ޕެލޭ މަރުވީ ރޭ މެންދަމު އެވެ. ޕެލޭ މަރުވުމާ އެކު ސޯޝަލް މީޑިއާ ފުރާލީ އިހްތިރާމާއި ތައުޒިއާގެ މެސެޖުތަކުންނެވެ. ޕެލޭގެ ތައުޒިއާގައި ފުޓްބޯޅަ ފެޑެރޭޝަންތަކާއި ކުރީގެ ކުޅުންތެރިންނާއި މިހާރު ކުޅުންތެރިން އަންނަނީ ބައިވެރިވަމުންނެވެ.

ބްރެޒިލްގެ ކެޕްޓަން ނޭމާ ބުނީ ޕެލޭގެ ކުރިން ފުޓްބޯޅަ އަކީ ހަމައެކަނި ކުޅިވަރެއް ކަމަށާއި، ޕެލޭ އައިސް ފުޓްބޯޅައިގެ ހުރިހާ ކަމެއް ބަދަލުކޮށްލި ކަމަށެވެ.

"ޕެލޭ ހުރިހާ ކަމެއް ބަދަލުކޮށްލި. ފުޓްބޯޅަ އާޓަކަށް ބަދަލުކޮށްލައި އެ ކުޅިވަރު ޝައުގުވެރި ކޮށްލި. ފަގީރުންނާއި ކަޅު މީހުންގެ އަޑު އިއްވައިދިން" ނޭމާ ބުނެފައިވެ އެވެ.

ނޭމާ އިތުރަށް ބުނީ ބްރެޒިލްގެ ފުޓްބޯޅަ ދުނިޔެ އަށް ދައްކައިދިނީ ޕެލާ ކަމަށާއި ޕެލޭ މަރުވިޔަސް ޕެލޭގެ ޖާދޫ އަބަދުވެސް ބްރެޒިލްގައި އޮންނާނެ ކަމަށެވެ.

ނޭމާއާ އެކު ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ ކިލިއަން އެމްބާޕޭ ބުނީ ޕެލޭ އަކީ ފުޓްބޯޅައިގެ ކިންގް ކަމަށާއި ޕެލޭގެ ލެގަސީ ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށެވެ.

21 އަހަރުގެ ފުޓްބޯޅަ ކެރިއަރުގައި ޕެލޭ ވަނީ 1363 މެޗުގައި 1281 ގޯލު ޖަހައިފަ އެވެ. ބްރެޒިލަށް ކުޅުނު 92 މެޗުގައި 77 ގޯލު ޖެހި އެވެ.

ޕެލޭ އަކީ ތިން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ. ބްރެޒިލާ އެކު ޕެލޭ ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ 1958، 1962 އަދި 1970 ވަނަ އަހަރު އެވެ.

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ޕެލޭ މަރުވުމުގެ ހިތާމަ ބަޔާންކުރަން ވެސް ނޭނގޭ ކަމަށެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ ޕެލޭ އަށް ތައުޒިޔާ އަދާކޮށްފަ އެވެ.

"އެހެން ކުޅުންތެރިން ހުވަފެނުން ވެސް ނުދެކޭ ކަންކަން ޕެލޭ ކުރި. 1970 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުގައި އެކަން ފެނުނު. ޕެލޭ ދަނޑުގައި ކުޅުނު ވަގުތު މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު. ޕެލޭ އަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ" އިންފަންޓީނޯ ވިދާޅުވި އެވެ.

މިހާރު ބްރެޒިލްގެ ކުރި ބަލަހައްޓާ ރިޗާލިސަން ބުނީ ޕެލޭގެ ފުޓްބޯޅަ ކެރިއަރަކީ ފުޓްބޯޅައިގައި ފެނުނު އެންމެ ހިތްގައިމު ސަފްހާ ކަމަށާއި ޕެލޭ ތާއަބަދަށް ފުޓްބޯޅައިގެ ތާރީހު ބަދަލުކޮށްލި ކަމަށެވެ.

"މީގެ 60 އަހަރު ކުރިން ކުރިމަތިވި ގޮންޖެހުންތަކާ އެކު ވެސް ވަރަށް މަދު ކުޅުންތެރިއަކަށް ނޫނީ ނުކުރެވޭ ކަންކަން ޕެލޭ ކުރި. ޕެލޭ އަބަދުވެސް ވާނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް" ޓޮޓެންހަމް ހޮޓްސްޕާގެ ފޯވާޑް ބުންޏެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ޕެލޭ އަކީ ދުނިޔޭގައި އުފެދުނު ކުޅިވަރުގެ އެންމެ މޮޅު އެތުލީޓް ކަމަށެވެ.

"ފުޓްބޯޅައިގެ ކިންގް އަހަރެމެންނަށް މުޅި އާ ބްރެޒިލެއް ހޯދައިދިން. ޕެލޭގެ ލެގަސީ އަށް ޝުކުރުވެރިވަން" ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ މެސެޖުގައިވެ އެވެ.