ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ފަނޑިޔާރުން ސަރުކާރުން އަންގާހާ އެންގުމަކަށް އަމަލުނުކުރެއްވުމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށް ގެންދާ ހިނގާލުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ފަނޑިޔާރުން ބޭރު ގައުމުތަކުގެ ނުފޫޒަށް ނުހެއްލުމަށާއި ސަރުކާރުން އަންގާހާ އެންގުމަކަށް ބޯނުލެނބުމަށް ގޮވާލާފަ އެވެ.
ރައީސް ޔާމީނަށް ރާއްޖޭގައި އޮތް ބޮޑު ތާއީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރާއްޖެއަށް ނުފޫޒު ފޯރުވަމުންދާ އިންޑިއާއަށް މިހާރު ފެންނާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވަނީ ވީހާވެސް ގިނަ ބަޔަކު މިހާރު ކުރިއަށް ގެންދާ ހިނގާލުމުގައި ބައިވެރިވެ އެމީހުންގެ ޝުއޫރުތައް ފާޅުކުރުމަށް ވެސް ގޮވާލާފަ އެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ހިތްވަރާ އެކު މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވި އެވެ.
"ރައީސް ސޯލިހަކީ ގާނޫނާ ހިލާފަށް ވެރިކަން ކުރައްވާ ބޭފުޅެއް. މިގޮތަށް އަބަދު ވެރިކަމެއް ނުކުރެއްވޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ނަން ނެތި އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތު ނުދޭނެ ކަމަށެވެ.
މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ ގޮތަށް އިދިކޮޅު ކޯލިޝަނުން މިއަދު ހިނގާލުމެއް ފަށާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އިދިކޮޅު ކޯލިޝަން މިއަދު ހަވީރު ޕީޕީއެމްގެ އޮފީސް ކުރިމަތިން "ހަރާމް ހުކުމް"ގެ ނަމުގައި ހިނގާލުން ފަށާފައި މިވަނީ ފުލުހުންގެ ހުއްދަ އާއި އެކު އެވެ. އެހެންވެ އަދި މިހިނގާލުމުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ.
ހިނގާލުން ކުރިއަށްދާއިރު ގޮވަމުންދަނީ ރައީސް ޔާމީނަށް އިއްވީ "ހަރާމް ހުކުމެއް" ކަމަށާއި އެމަނިކުފާނު މިނިވަން ކުރުމަށެވެ.
އިދިކޮޅު ކޯލިޝަންގެ ހިނގާލުމުގެ ބައިވެރިން ކަޅުކުލައިގެ ޓީޝާޓުގައި ގައުމީ ދިދަ ހިފައިގެން ތިބިއިރު "ހަރާން ހުކުމް ބާތިލުކުރޭ، ރައީސް ޔާމީން މިނިވަންކުރޭ" ލިޔެފައިވާ ބެނާތަކެއް ވެސް ހިނގާލުމުގެ ބައިވެރިން ގެންގުޅުނެވެ.