ޕެންޝަން އޮފީސް

ޕެންޝަންގެ ގޮތުގައި މިމަހު 136 މިލިއަން ރުފިޔާ ދީފި

ޑިސެމްބަރު މަހު ޕެންޝަންގެ ގޮތުގައި ސަރުކާރުން 136 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ޕެންޝަން އޮފީހުން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޑިސެމްބަރު މަހު 136 މިލިއަނަށްވުރެ ގިނަ ރުފިޔާ 29،542 މީހަކަށް ދޫކޮށްފައިވެ އެވެ.

މިއީ ޖުމުލަ ހަތަރު ކެޓަގަރީއަކުން ދޫކޮށްފައިވާ ފައިސާކަން ޕެންޝަން އޮފީހުން ހާމަ ކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ. އެއީ ވަޒީފާއިން ރިޓަޔަވުމުން ދޭ ޕެންޝަނާއި، 65 އަހަރުން މަތީގެ މީހުންނަށް ދޭ އަސާސީ ޕެންޝަނާއި، ދައުލަތުގެ ވަޒީފާތަކުން ރިޓަޔަކުރާ ފަރާތްތަކަށް ދައުލަތުންދޭ އިނާޔަތްތައް އަދި ދައުލަތުގެ އެހެނިހެން ރިޓަޔަމަންޓް އިނާޔަތްތަކެވެ.

އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ 65 އަހަރުން މަތީގެ މީހުންނަށް ދޭ އަސާސީ ޕެންޝަނުގެ ގޮތުގަ އެވެ. އެއީ 97 މިލިއަނަށްވުރެ ގިނަ ރުފިޔާ އެވެ. މި ކެޓަގަރީގައި 20،594 މީހުންނަށް ފައިސާ ލިބިފައިވެ އެވެ.

ރިޓަޔަމެންޓް ޕެންޝަންގެ ގޮތުގައި 1،646 މީހުންނަށް އަށް މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ދޫކޮށްފަ އެވެ. އަދި ދައުލަތުގެ ވަޒީފާއިން ރިޓަޔަކުރާ ފަރާތްތަކަށް ދައުލަތުންދޭ އިނާޔަތުގެ ގޮތުގައި 24 މިލިއަން ރުފިޔާ ޖުމުލަ 4،495 މީހަކަށް ވަނީ ދޫކޮށްފަ އެވެ.

ދައުލަތުގެ އެހެނިހެން ރިޓަޔަމެންޓް ޕެންޝަންގެ ގޮތުގައި 2،807 މީހުންނަށް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ.

ރިޓަޔަމެންޓް ޕެންޝަން ފިޔަވާ އެހެން ހުރިހާ ޕެންޝަނަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ދޭ ޕެންޝަނާއި އިނާޔަތްތަކެއް ކަމަށް ޕެންޝަން އޮފީހުން ބުނެފައިވެ އެވެ.