ސަލްމާން ހާން

"ބިގް ބޮސް 9"ގެ ފިނާލޭއަށް ސަލްމާން އާއި ކެޓްރީނާ އެކުގައި

Jan 23, 2016

ކަލާޒް ޗެނަލުން ދައްކަމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް 9"ގެ ގްރޭންޑް ފިނާލޭގެ ނިމުމަކަށް އަންނަނީ މިޝޯގެ މިފަހަރުގެ ތީމާއި އެއްގޮތަށް ހުރިހާ ކަމެއްވެސް ދެގުނައަށް ބޮޑުކޮށް މާފުރިހަމަ ކޮށެވެ.

މިޝޯގައި ބައިވެރިވި، ބައިވެރިންގެ ހާއްސަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ފެނިގެންދާއިރު، ފައިނަލް އެޕިސޯޑްގައި އިތުރަށް ފުރިހަމަވެގެން ދަނީ ބަތަލާ ކެޓްރީނާ ކައިފް އަންނަ މަހު ނިކުން އޭނާގެ ފިލްމު "ފިތޫރް" ޕްރޮމޯޓްކުރުމަށް ބައިވެރިވާތީ އެވެ. ކެޓްރީނާއާ އެކު "ފިތޫރް"ގެ ބަތަލުގެ ރޯލުން ފެނިގެންދާ އަދިތްޔަ ރޯއި ކަޕޫރުވެސް މިޝޯގައި ބައިވެރިވާނެ އެވެ.

މިޝޯގެ ހޮސްޓް، ސުޕަސްޓާ ސަލްމާން ޚާން އަކީ ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާއަަށް ވެފައި، ކެޓްރީނާ މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އެންމެފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލޯބިވެރިޔާ ރަންބީރު ކަޕޫރާ ރުޅިވެފަ އެވެ.

ކެޓްރީނާ ސަލްމާންގެ ޝޯ އަށް އޭނާގެ ފިލްމު ޕްރޮމޯޓްކުރުމަށް އަންނަނީ ރަންބީރާއި ރުޅިވުމުގެ ކުރިން ސަލްމާން އާއި ސިއްރުން ބައްދަލުކޮށް ލަފައަކަށް އެހި ކަމަށް ވާހަކަތައް ދެކެވެމުން އަންނަ ދަނޑިވަޅެއްގަ އެވެ. ރަންބީރާއި ކެޓްރީނާ ރުޅިވުމުގެ އަސްލަކީ "ފިތޫރް" ޕްރޮމޯޓްކުރުމަށް ބިގްބޮސް އަށް ދާން ކެޓްރީނާ އެއްބަސްވުމުން ކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފަ އެވެ.

ކޮންމެއަކަސް ކެޓްރީނާ ސަލްމާން އާއި ރުޅިވެ ރަންބީރާއި ރައްޓެހިވި ހިސާބުން އެއްވެސް ކަހަލަ ގުޅުމެއް ބާއްވާފައިނުވާއިރު، މިއީ މިފަދަ ސްޓޭޖަކުންމިދެތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ހައަހަރުވީ ލޯބީގެ ގުޅުން ކެޓްރީނާ އާއި ރަންބީރު ނިންމާލާފައިވާއިރު، ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ރަންބީރު ވަނީ އެމީހުން އެކުގައި ދިރިއުޅެމުން އައި ގެއިން ނިކުމެގެން ގޮސްފަ އެވެ. މިހާރު ރަންބީރު އެހެން ތަނަކަށް ބަދަލުވެފައިވާއިރު، އެގޭގައި ވަނީ ވަރަށް ފަހުން ޕާޓީއެއް ބާއްވާފަ އެވެ. މިޕާޓީއަށް ވެސް ކެޓްރީނާ އަށް ދައުވަތުދީފަ އެއް ނުވެ އެވެ.

ކެޓްރީނާ އާއި ރަންބީރާ ރުޅިވީ ކޮން ސަބަބަކާ ހުރެކަން އެދެތަރިން ކުރެ އެކަކުވެސް ހާމަކޮށްފައިނުވާއިރު މިކަމާ ގުޅިގެން އެކި ގޮތްގޮތަށް އަންނަނީ ވާހަކަ ދެކެވެމުންނެވެ.

އެހެން އަހަރުތަކޭ އެއްގޮތަށް މިއަހަރުގެ ޝޯއަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފަ އެވެ. މިޝޯގެ ފައިނަލް މިރޭ ބާއްވާއިރު ކަލާޒް ޗެނަލުން މިއެޕިސޯޑް ލައިވްކޮށް ދައްކާނެ އެވެ.