ބޮލީވުޑް

"ބަޅޭ އައްޗޭ ލަގްތޭ ހޭ 2" އަށް ނަކުލްގެ ބަދަލުގައި ހިތެން

އެކްތާ ކަޕޫރުގެ ޝޯތަކުގެ ލީޑް އެކްޓަރުން ވަކިވެ އޭނާއަށް އެންމެ އުނދަގޫވާ ފަހަރު ފަހަރު އެކްތާ ސަލާމަތްކުރަން އިސް ނަގާ އެކްޓަރުންގެ ތެރޭގައި ހީތެން ތޭޖްވާނީ ހިމެނެ އެވެ. ޝިޒޭން ޚާން "ކަސޯޓީ ޒިންދަގީ ކޭ" އިން ވަކިވާން ނިންމުމުން އޭނާގެ ބަދަލުގައި އަނުރާގް ބާސޫގެ ކެރެކްޓާ ފަހުން ކުޅުނީ ހިތެން އެވެ. އަދި "ޕަވިތުރަ ރިޝްތާ"ގައި ސުޝާންތު ސިންގް ރާޖްޕޫތު ކުޅެމުންދިޔަ މާނަވްގެ ކެރެކްޓާ ނުކުޅެން ސުޝާންތު ނިންމުމުން ފަހުން އެ ކެރެކްޓާ ވެސް ކުޅުނީ ހިތެން އެވެ.

މިހާރު އަނެއްކާވެސް އެކްތާ ސަލާމަތްކުރުމަށްޓަކައި އޭނާގެ ޝޯއެއްގެ ލީޑް ރޯލު ހިތެން ވަނީ ގަބޫލު ކޮށްފަ އެވެ. އެއީ މިހާރު ސޮނީ ޓީވީން ދައްކަމުންދާ "ބަޅޭ އައްޗޭ ލަގްތޭ ހޭ 2" އެވެ. މި ޝޯގައި ރާމް ކަޕޫރުގެ ރޯލު އަދާކުރީ ނަކުލް މެހެތާ ޝޯ އިން ވަކިވާން ނިންމުމުން އެކްތާ އަށް ހަދާނެ ގޮތް ހުސްވި އެވެ. އަދި ނަކުލްގެ ބަދަލުގައި ޝޯ އަށް ލާނެ އެކްޓަރަކު ހޯދަން އެކްތާ މަސައްކަތް ފެށި އެވެ. އެގޮތުން އޭނާ އެހީތެރިކަމަށް އެދުނު އެކްޓަރުންގެ ތެރޭގައި ހިތެން ހިމެނެ އެވެ. އަދި އެއްވެސް ޖެހިލުމެއް ނެތި ހިތެން ވަނީ އެކްތާ އަށް އެހީތެރިވާން ނިންމާފަ އެވެ.

ނަމަވެސް ކުރީގެ ޝޯތަކުގައި ހިތެން ކުޅެފައިވަނީ އެ ޝޯއިން ވަކިވި އެކްޓަރު ކުޅުނު ކެރެކްޓާ ނަމަވެސް "ބަޅޭ އައްޗޭ ލަގްތޭ ހޭ 2"ގައި ހިތެން ކުޅޭނީ ރާމް ކަޕޫރުގެ ކެރެކްޓާ އެއް ނޫނެވެ. މި ޝޯގައި ހިތެން ކުޅެނީ ލަކަން ނަމަކަށް ކިޔާ ކެރެކްޓާ އެވެ. ލަކަން އަކީ ރާމްްގެ ކޮއްކޮ ކަމަށް މި ސިލްސިލާގައި ދައްކަން ވަނީ ހަމަޖެހިފަ އެވެ. އަދި ދެން މި ޝޯގައި އެންމެ މުހިއްމު ރޯލެއް ކުޅޭނީ ހިތެންގެ ކެރެކްޓާ އެވެ. ރާމް ކަޕޫރުގެ ކެރެކްޓާއަށް ރަނގަޅު ނިމުމެއް ގެންނަން ވަނީ ހަމަޖެހިފަ އެވެ.

މިހާރު ދައްކާ ޕްރޮމޯގައި ނަކުލް އާއި ހިތެން އެކުގައި ފެނެ އެވެ. ހިތެން ބުނި ގޮތުގައި މި ސިލްސިލާގެ ސެޓަށް އޭނާ ދިއުމުން އެންމެން ވަރަށް ހޫނު މަރުހަބާއެއް އޭނާއަށް ކިޔާފައި ވެއެވެ. އަދި އެކްތާގެ ޝޯތަކުގައި އޭނާއަށް އަބަދުވެސް ވަރަށް ހިތްހަމަޖެހޭ ގޮތަށް ކަންތައްތައް ވާކަމަށް ހިތެން ބުންޏެވެ.

މި ސިލްސިލާގެ އިތުރުން ވެސް ހިތެން ވަރަށް ގިނަ އިތުރު ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.