ފަރަންސޭސިވިލާތުގައި ހުންނަވާ އިސްރާއީލުގެ ސަފީރު ޔައެލް ޖާމަން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔޫއަށް އެޑްރެސް ކުރައްވައި ޔައެލް ފޮނުއްވި ސިޓީއެއްގައި އިސްތިއުފާ ދެއްވި ސަބަބު ކަމަށް އޭނާ ވިދާޅުވެފައި ވަނީ -- ތެލްއަވީވްގައި ބެންޖަމިން ނަތަންޔާހޫ އެކުލަވާ ލެއްވި ހަރުކަށި ސަރުކާރު ތަމްސީލް ކުރެއްވުމަކީ -- އޭނާގެ ޒަމީރު ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.
ޓައިމްސް އޮފް އިސްރާއީލް ނޫހުން ޔައެލްއާ ހަވާލާ ދެއްވައި ރިޕޯޓްކޮށްފައި އޮތް ގޮތުން އޭނާއަށް ގަބޫލުކުރަން ދަތި ސިޔާސަތުތަކެއް ތަމްސީލު ނުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ސަފީރު ވިދާޅުވި ގޮތުގައި ބެންޖަމިން ނަތަންޔާހޫ އެކުލަވާ ލެއްވި ސަރުކާރު ސައްހައެއް ނުވާނެ އެވެ. އެއީ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ހަރުކަށިކަން އާންމު މަސްހަލަތާ ވަރަށް ބޮޑަށް ފުށުއަރާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަކީ އިސްރާއީލުގެ ތާރީހުގައި ވެސް އެކުލަވާލި އެންމެ ހަރުކަށި ސަރުކާރަށް ވާނެ ކަމަށް މުޅި ދުނިޔެ އޮތީ އިގުރާރުވެފަ އެވެ. އޭނާގެ ކެބިނެޓްގަައި ހިމެނިވަޑައިގަންނަވާ 30 ވަޒީރުންނަކީ ވެސް އިސްރާއިލް ދެމިއޮތުމަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކުރައްވަން ތައްޔާރަށް ތިއްބެވި ބައިގަނޑެކެވެ.
އިސްރާއީލްގެ ބޮޑުވަޒީރުގެ މަގާމަށް ނަތަންޔާހޫ ވަޑައިގަތީ ގާނޫނު ހަދާ މަޖިލީހުން 63 ގޮޑި ހޯއްދަވައިގެންނެވެ. އެއީ 120 ގޮޑި ހިމެނޭ މަޖިލީހުގެ އަޣުލަބިއްޔަތަށް ވުރެ ވެސް މަތީ އަދަދެކެވެ.
އިސްރާއީލްގައި މި ފަހުން ބޭޢްވި އިންތިޚާބަކީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ގައުމުގައި ބޭއްވި ފަސްވަނަ އިންތިހާބެވެ. އިލެކްޝަން ކޮމިޝަނުން ބުނާ ގޮތުން މި އިންތިހާބުގައި އާބާދީގެ 71 އިންސައްތަ މީހުން ވޯޓުލާފައި ވެއެވެ. މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި އެންމެ ގިނަ މީހުން ވޯޓުލީ އިންތިހާބެވެ.