ކްރިމިނަލް ކޯޓް

ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 15 އަހަރަށް ޖަލަށް

Dec 31, 2022

އިތުބާރު ހިފޭ މަގާމެއްގައި ހުރެ ދެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވި ފިރިހެނަކަށް 15 އަހަރުގެ ޖަލު ހުކުމެއް ކަރިމިނަލް ކޯޓުން އިއްވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މާލެއަށް ނިސްބަތްވާ މި މީހާ ދިރިއުޅޭ ކޮޓަރީގައި އެ ދެ ކުދިން ނިދި ދުވަސްވަރު އެ ކުދިންނަށް އެކި ފަހަރު މަތިން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ.

މިގޮތުން އޭނާ ވަނީ އެ ދެ ކުދިންގެ ޖިންސީ ގުނަވަނުގައި އަތްލައި، އޭނާގެ ޖިންސީ ގުނަވަން އެ ކުދިންނަށް ދައްކާއި އެ ދެ ކުދިންނަށް ގޯނާ ކޮށްފަ އެވެ. އަދި އެގޮތަށް އަމަލުކުރި ކަމަށް އޭނާ ވަނީ ތަހުގީގު މަރުހަލާގައި އިއުތިރާފުވެފަ އެވެ.

ދައުތަލުން ވަނީ މި މީހާގެ މައްޗަށް އިތުބާރު ހިފޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ދައުވާ ކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.

އިތުބާރު ހިފޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފިނަމަ ގާނޫނު އޮތީ ބޮޑު ހުކުމެއް އަންނަ ގޮތަށެވެ.