ސ. ހުޅުދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ތުހުމަތުކުރެވޭ ފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރޭ 8:00 ހާއިރު ހުޅުދޫގެ ބަނދަރާއި ދިމާލު ވަލުތެރޭގައި އަލިފާން ރޯވިއިރު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ތާރު ފީފާތަކެއް ހުއްޓެވެ.
މި ހާދިސާއާއި ގުޅިގެން އައްޑޫގެ ބައެއް ކައުންސިލަރުން ވަނީ އެއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ތުހުމަތު ކޮށްފަ އެވެ. ނަމަވެސް މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ތުހުމަތުކުރެވޭ ފަދަ ކަމެއް ފާހަގަވެފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
އަލިފާނުގެ ހާދިސާގައި ބަޔަކަށް އަނިޔާ ނުވި ނަމަވެސް ބޮޑު ސަރަހައްދެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ގިނަ އަދަދެއްގެ ތާރު ފީފާތަކެއް ވަނީ އަނދާފަ އެވެ.
އެ ސަރަހައްދުގައި ހުރި ތާރުތަކަށް ފެން އަޅައި، ތާރުތައް ފިނިކުރުމަށް ސިފައިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އަދި ފުލުހުން ދަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.