އޮފީހަށްދާއިރު ވީހާވެސް ރީތިކޮށް ސްމާޓްކޮށް ހުންނަން ކޮންމެ ފިރިހެނަކުވެސް ބޭނުންވެ އެވެ. އެތައް ކަންތައްތަކެއް ކުރޭވެސްމެ އެވެ. ރީތި، އަގުބޮޑު އަދި ބްރޭންޑެޑް އެއްޗެހި ގަތަސް އަދި ކަމަކު ނުދާނެ އެވެ. ހެދުން އެޅުމުގައި ހަދާ ގޯސްތައް އިސްލާހު ކޮށްލަންވާނެ އެވެ.
ކުލަކުލައިގެ ނުވަތަ ހުދު ފަޓުލޫނު ބޭނުން ކުރުން
އޮފީހަށްދާން ބޭނުންކުރާ ފަޓުލޫނުގެ ކުލައަކީ ވަރަށް މުހިއްމު އެއްޗެކެވެ. ބައެއް ކުލަ ތަކަކީ އޮފީސް މާހައުލާ ނުގުޅޭ ކުލަ ތަކެކެވެ. އޮފީހަށް ދިއުމަށް ކަޅު، މުށި ކުލަ ފާޑުގެ ފަޓުލޫނު ބޭނުންކުރެވިދާނެ އެވެ. ރަތް ކުލަ، ފެހި ކުލަ އަދި ރީނދޫ ކުލަ ފާޑުގެ ކުލަތައް ބޭނުން ނުކުރާށެވެ. އޮފީހަށްދާ އެއްޗެހި އިޚްތިޔާރު ކުރަން އަމިއްލަ އަށް އުނދަގުވާނަމަ އަންހެން ކުއްޖެއްގެ އެހީ ހޯދާށެވެ. ހަނދާން ކުރާށެވެ. ތިއަކީ ފިރިހެން ކުއްޖެއް ނޫނެވެ. ބޮޑު ފިރިހެނެކެވެ.
![](https://images-01.avas.mv/post/big_MyD4T7HOZrnEQeF.jpg)
ބެލްޓް އަދި ބޫޓުގެ ކުލަ ނުގުޅުން
މިއީ ފިރިހެނުން އެންމެ ގިނައިން އަޅާނުލާ އަދި ފަރުވާކުޑަކޮށްލާފައި ދޫކޮށްލާ ކަންތަކެވެ. ރީތިކޮށް ހެދުން އަޅަން ބޭނުން ނަމަ ބެލްޓާއި ބޫޓުގެ ކުލަ ގުޅުވާލެވިދާނެ އެވެ. އެގޮތުން ކަޅު ބޫޓަކާއެކު ކަޅު ބެލްޓެއް ބޭނުންކުރެވިދާނެ އެވެ.
![](https://images-01.avas.mv/post/big_6Ebx0hxuGih7rx8.jpg)
ސްޓާކީންގެ ކުލަ
މިއީވެސް ހަނދާނުން ކައްސާލާ ކަމެކެވެ. ބޫޓާއި ނުގުޅޭ ފާޑު ފާޑުގެ ސްޓާކީން ބޭނުންކުރުމުން އައިބު ކަމަށް ދައްކާނެ އެވެ. ސްޓާކީން އިހްތިޔާރު ކުރުމުގައި އަބަދުވެސް ގަދަ ކުލަތަކަށް އިސްކަން ދޭށެވެ.
![](https://images-01.avas.mv/post/big_KXknB6l46ldEOQx.jpg)
ޓައީ ގޮށް
މިއީވެސް ހެދޭ ގޯހެކެވެ. އާދައިގެ ގޮތަކަށް ރީތިކޮށް ޓައީގެ ގޮށް ޖަހާށެވެ. އަދި ޓައީވެސް ދޫކޮށް ނުބަހައްޓާށެވެ. މިއީ ހައި ސްކޫލެއް ނޫނެވެ. އޮފީސް މާހައުލެވެ. މީހާގެ ކިބައިން ޕްރޮފެޝަނަލް ކަން ފެންނާނީ ރީތިކޮށް ހެދުން އަޅައި ހެދުމުގެ ހުރިހާ ބައެއް ފުރިހަމަ ވެގެންނެވެ.
![](https://images-01.avas.mv/post/big_FS38X3RlQ87JXHA.jpg)