ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ކެމްޕޭން އޮފީހެއް ކުޅުދުއްފުށީގައި ހުޅުވައިފި

Dec 31, 2022
1

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން އޮފީހެއް އުތުރުގެ އެންމެ ބޮޑު ރަށް -- ހދ. ކުޅުދުއްފުށީގައި މިއަދު ހުޅުވައިފި އެވެ.

ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އޮފީސް ހުޅުއްވައިދެއްވީ ރައީސް ނަޝީދު އެެވެ.

ރައީސް ނަޝީދު ކުޅުދުއްފުށްޓަށް ވަޑައިގަތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި އެމަނިކުފާނަށް ތާއީދުކުރައްވާ މީހުންނާ ބައްދަލުކުރެއްވުމަށެވެ.

ނަޝީދުގެ މިދަތުރުފުޅުގައި ކުޅުދުއްފުށީގެ ބައެއް ގެތަކަށް ދޮރުން ދޮރަށް ހިންގަވާ ބައެއް އާންމުންނާ ވަކިވަކިންވެސް ބައްދަލުކުރެއްވި އެވެ. އަދި ކުޅުދުއްފުށި އެމްޑީޕީގެ ހޮޅުއަށި ސަރަހައްދުގައި އެމްޑީޕީގެ ދިދައެއްވެސް ނަންގަވައިދެއްވި އެވެ.

ކުޅުދުއްފުށި ދަތުރުފުޅަށްފަހު އެމަނިކުފާނު މިހާރު ވަނީ ށ. އަތޮޅުގެ ރަށްތަކުގައި ކެމްޕޭން ކުރައްވަން ފައްޓަވާފަ އެެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދުއާ ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ. ދެ ބޭފުޅުން ވެސް ގެންދަވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖެނުއަރީ 28 ވަނަ ދުވަހު އެވެ.